Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ސައިބާ ކްރައިމް ކުށަކަށްވާ ބިލް ތަސްދީގުކޮށްފި

ސައިބާ ކްރައިމްގެ ކުށްތައް ގާނޫނުލް އުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މި ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ސައިބާ ކްރައިމަކީ ޤާނޫނުން ކުށެއް ކަމުގައި ކަނޑައަޅައި، ބައެއް ކުށްތައް ސައިބާކްރައިމްގެ ގޮތުގައި ޤާނޫނުލްޢުޤޫބާތަށް އިތުރުކުރުމެވެ.

އޭގެތެރޭގައި ހިމެނެނީ ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި، ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި، ހުއްދަ ނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަސެޕްޓް ކުރުމާއި، ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަފިއަރ ކުރުމާއި، ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުމާއި ސައިބަރ ވަޔަލަންސްގެ އަމަލުތައް ހިމެނެ އެވެ.

މީގެއިތުރުން ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތަކާއި ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތަކާއި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ވެސް ހިމެނެ އެވެ.

މި ބިލު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދުން ފެށިގެން ވަނީ ބިލަށް އަމަލުކުރަން ފަށާފަ އެވެ.