ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ކުރިން ވެސް ތިން ފިލްމެއް ކުޅެފައިވާ އެކްޓަރު އަޔޫޝްމަން ކްރާނާ އަލުން އެ ސްޓޫޑިއޯގެ ޕްރޮޖެކްޓަކަށް ސޮއިކޮށްފި އެވެ.
މި ފަހަރުގެ މި ފިލްމަކީ މިދިޔަ ހަފުތާގައި ވައިއާރްއެފާ ގުޅިގެން ފިލްމުތަކެއް ހަދަން އެއްބަސްވުމެއް ހެދި ޕޯޝަމް ޕާ ޕިކްޗާގެ ދަށުން ދެ ސްޓޫޑިއޯ ގުޅިގެން ހަދަން ނިންމާފައިވާ ފުރަތަމަ ފިލްމެވެ.
ނަމަވެސް އަދި އޭގެ ނަމާއި އިތުރު އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.
މީޑިއާތަކުން ބުނީ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އަޔޫޝްމަންގެ މި ފިލްމު ޑައިރެކްޓްކުރާނީ ސަމީރު ސަކްސޭނާ ކަމަށެވެ. އޭނަ އަކީ ނެޓްފްލިކްސް އިން ގެނެސްދިން "ކާލާ ޕާނީ" ގެ ވެސް ޑައިރެކްޓަރެވެ.
އަޔޫޝްމަން ކުރިން ވައިއާރްއެފަށް ކުޅުނު ފިލްމުތަކަކީ ތިން ފިލްމެއްގެ ޑީލެއްގެ ދަށުން ކުޅުނު ފިލްމުތަކެކެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ ސޯނަމް ކަޕޫރާ އެކީ ކުޅުނު 2014 ގެ "ބޭވަފޫކިޔާ" އެވެ. ދެވަނަ ފިލްމަކީ ބޫމީ ޕިޑްނޭކަރާ އެކު ކުޅުނު 2015 ގެ "ދަމް ލަގާ ކޭ ހައިޝާ" އެވެ. އަދި ތިން ވަނަ ފިލްމަކީ ޕަރިނީތީ ޗޯޕްޅާއާ އެކު ކުޅުނު 2017 ގެ "މޭރީ ޕިޔާރީ ބިންދޫ" އެވެ.
އަބަދު ވެސް ވަރަށް ތަފާތު ކޮންސެޕްޓްތަކަށް ހަދާ ފިލްމުތައް ކުޅޭ އަޔޫޝްމަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޑްރީމް ގާލް 2" އެވެ. އޭނަ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި މެޑޮކް ފިލްމްސްގެ ސުޕަނެޗްރަލް ތުރިލާ "ތާމާ" ހިމެނެ އެވެ.