މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ މ. މުލީ އެއާޕޯޓްގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވަން އަމާޒު ހިފާފައިވާ ކަމަށް އެ މަޝްރޫއުުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.
އެ އެއާޕޯޓް މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ފެބްރުއަރީ 28، 2021 ގަ އެވެ. އެގޮތުން ބިން ހިއްކައިގެން 1،200 މީޓަރުގެ ރަންވޭއަކާއެކު، އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ.
ނަމަވެސް މަސައްކަތް ދިގުލައިގެން ދިޔައީ ދިމާވި ފައިސާގެ ދަތިކަމާ ހެދި ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން ރޭ 'އެމްއެމް ޓީވީ" ގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢުދީ ވިދާޅުވީ މުލީ އެއާޕޯޓަކީ ވަރަށް ދިގުލައިގެން ގޮސްފައިވާ މަސައްކަތެއް ނަމަވެސް މިހާރު އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާ ޖައްރާފާ އެ ރަށުގައި ބާއްވައިގެން އިތުރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތާއި ޓާމިނަލް ނިންމުމާއި ލައިޓިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެހެންވެ މިހާރު އަމާޒު ހިފާފައި އޮތީ މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސް އަންނަ އަހަރުގެ ފެބްރުއަރީގައި މުލީ އެއާޕޯޓް ހުޅުވޭ ވަރު ކުރުން ކަމަށް ވިދާޅުވި އެވެ.
"ރައީސް ޑރ. މުޢިއްޒުގެ ވެސް އަމާޒަކީ ފެބްރުއަރީ މަސް ނިމުގެކުރިން އެތަނަށް ފްލައިޓް ޖެއްސި ރައްޔިތުންނަށް ޚިދުމަތް ލިބޭ ތަނަކަށް ހެއްދެވުން." ސަޢުދީ ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި މި އަހަރުގެ އެޕްރީލް މަހާ ހަމައަށް އައިރު، މުލީ އެއާޕޯޓުގެ ރަންވޭގެ މަސައްކަތާއި ޓާމިނަލްގެ މައިގަނޑު މަސައްކަތް އޮތީ ނިންމައިފަ އެވެ.