މި އަހަރުގެ ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ވިނީޝަސް ޖޫނިއާ އަށް ލިބިއްޖެ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެވޯޑު ވިނީޝަސް ގެންދިޔައީ ފްރާންސް ފުޓްބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި މެންޗެސްޓާ ސިޓީގެ ރޮޑްރިއާ އާއި ރެއާލްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމްއާ ވާދަކޮށްގެންނެވެ.
މިއީ ފީފާ އިން ބެސްޓް އެވޯޑު ތައާރަފް ކުރިފަހުން މި އެވޯޑު ވިނީޝަސް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ވިނީޝަސް ،24، އަކީ މިދިޔަ ސީޒަނުގައި ރެއާލަށް ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެއާލަށް 24 ގޯލު ކާމިޔާބުކޮށްދީ 11 އެސިސްޓް ހަދައިފަ އެވެ.
އެންމެ މޮޅު ފިރިހެން ކުޅުންތެރިއާގެ މަގާމު ވިނީޝަސް ގެންދިޔައިރު އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމަޓީ އެވެ. އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ހޯދިއިރު އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ގެންދިޔައީ އެމެރިކާ ގައުމީ ޓީމުގެ ކޯޗު އެމާ ހޭސް އެވެ.
މިއަހަރުގެ އެންމެ މޮޅު ފިރިހެން ގޯލްކީޕަރުގެ މަގާމު ގެންދިޔައީ އެސްޓަންވިލާގެ އާޖެންޓީނާ ގޯލްކީޕަރު އެމަނުއަލް މާޓިނޭޒް އެވެ. އަހަރުގެ އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް މި ފަހަރު ހާސިލްކުރީ މެންޗެސްޓާ ޔުނައިޓެޑް އެލެހެންޑްރޯ ގަނާޗޯ އެވެ.