ސްރީ ލަންކާގެ ކުރީގެ ރައީސުންނަށް ސަރުކާރުންދޭ ސެކިއުރިޓީ ދަށްކުރަން ނިންމައިފި އެވެ.
އެގޮތުން އަންނަ މަހުގެ 1 އިން ފެށިގެން އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ސެކިއުރިޓީ ވަނީ ދަށްކުރަން ނިންމައިފަ އެވެ.
ސަރުކާރުގެ މި ނިންމުމަށް އިދިކޮޅު ޕާޓީތަކުގެ ފާޑިކިޔުންތައް އަމާޒުވެފައިވާ އިރު، އެ ނިންމުން ދިފާއު ކުރައްވައި ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އާނަންދަ ވިޖެޕާލާ ވިދާޅުވީ މިއީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކުރަން ނިންމި ކަމެއް ކަމަށެވެ.
އެގޮތުން ކުރީފެ ރައީސުންނަށް ދޭ ސެކިއުރިޓީ ދަށްކުރުމުން ދައުލަތަށް އަހަރަކަށް 1،200 މިލިއަން ރުޕީސް (77.4 މިލިއަން ޑޮލަރު) ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. ކުރީގެ ރައީސުންގެ ސެކިއުރިޓީ އަށް މިހާރު އަހަރަކު 1،448 ރުޕީސް (93.4 މިލިއަން ޑޮލަރު) ހޭދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން މިހާރު ސެކިއުރިޓީ އަށް އެންމެ ބޮޑު ހޭދައެއް ދަނީ އެންމެ ފަހުން ރައީސްކަން ކުރެއްވި ރަނިލް ވިކްރަމަސިންހަގެ ސެކިއުރިޓިއަށެވެ. އޭނަގެ ސެކިއުރިޓީ އަށް އެކަނި 710 މިލިއަން ރުޕީސް (46 މިލިއަން ޑޮލަރު) ހޭދަވެ އެވެ. ރަނިލްގެ ސެކިއުރިޓީ އަށް 310 މީހަކު ހަރަކާތްތެރިވެ އެވެ.
ލަންކާގެ ރައީސުންގެ ސެކިއުރިޓީ ދަށްކުރަން ނިންމުމުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ޕާޓީ، ސްރީ ލަންކަން ޕީޕަލްސް ފްރޮންސްޓުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ އެ ނިންމުމަށް ފާޑު ކިޔައިފަ އެވެ. އެ ޕާޓީން ބުނީ މިއީ ސިޔާސީ ގޮތުން ނިންމި ނިންމުމެއް ކަމަށާއި މަހިންދަ އަކީ މިހާރު ވެސް ތަމަޅަ ޓައިގަރުންގެ އިންޒާރުތައް ލިބޭ ބޭފުޅެއް ކަމަށެވެ. އެހެންވެ ސެކިއުރިޓީ ދަށްކުރުމަކީ އެކަމަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށް ޕާޓީން ބުންޏެވެ.
ސެކިއުރިޓީ ދަށްކުރަން ނިންމުމާ ގުޅިގެން މިދިޔަ މަހުގެ ތެރޭގައި ކުރީގެ ރައީސް ޗަންދުރިކާ ކުމާރަތުންގާ ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
ލަންކާގެ މިހާރުގެ ރައީސަކީ ރަނިލް ބަލިކުރައްވައި ވެރިކަމަށް ވަދައިގެންނެވި އަނޫރަ ކުމާރަ ޑިސަނަޔަކަ އެވެ.