Last Updated: July 16, 17:14
Thursday, July 16, 2026
މުނިފޫހިފިލުވުން

ޝާހިދުގެ ފިލްމަށް އިތުރު ތަރިންތަކެއް، ތާރީހެއް

ޝާހިދު ކަޕޫރާއި ޓްރިޕްތީ ދިމްރީ އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ކާސްޓަށް އިތުރު ތަރިންތަކެއް ނަގައި، ފިލްމު ސިނަމާތަކަށް ގެންނަ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.

ނަމަކަށް "އަރުޖުން އުސްތާރާ" ކިޔާ ކަމަށް ބުނާ މި ފިލްމުގެ ކާސްޓަށް އިތުރުވި ތަރިންނަކީ ތަޖުރިބާކާރު އެކްޓަރު ނާނާ ޕަޓޭކަރްގެ އިތުރުން ރަންދީޕް ހޫޑާ އެވެ.

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ނާނާގެ ކުރިއަށް އޮތް ފިލްމަކީ މިދިޔަ އަހަރު "ގަދަރު 2" ގެނެސްދިން ޑައިރެކްޓަރު އަނިލް ޝަރުމާ މި މަހުގެ 20 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ "ވަންވާސް" އެވެ. ރަންދީޕްގެ އެންމެ ފަހުގެ ފިލްމަކީ އޭނަ ޑައިރެކްޓްކޮށް ކުޅެ، މި އަހަރު މާޗްގައި ގެނެސްދިން "ސުވަންތަރިއާ ވީރު ސަވަރްކަރް" އެވެ.

ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ ޝާހިދާއި ޓްރިޕްތީގެ ޖޯޑު އެކީގައި ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ވިޝާލް ބަރަޖްވާދު ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ޝޫޓިން އަންނަ މަހުގެ 6 ގައި ފަށަން ތައްޔާރީތައްވެފައިވާ އިރު، ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ޑިސެމްބަރު 5 ގަ އެވެ.

މި ފިލްމަކީ ވިޝާލްއާ އެކީ ޝާހިދު މަސައްކަތްކުރާ ހަތަރު ވަނަ ފިލްމެވެ. އެ ދެ މީހުން އެކީގައި ކުރިން މަސައްކަތްކުރި ފިލްމުތަކަކީ "ރަންގޫން"، "ހައިދަރު" އަދި "ކަމީނޭ" އެވެ.