ބޮލީވުޑްގެ މަޝްހޫރު ތަރި، ރިތިކް ރޯޝަންގެ ފިލްމީ އާއިލާ އަށް ބިނާކޮށް ހަދާފައިވާ ޑޮކިއުމަންޓަރީ ސީރީޒް "ދަ ރޯޝަންސް" އަންނަ މަހުގެ 17 ގައި ޕްރީމިއާކުރާނެކަން އިއުލާންކޮށްފި އެވެ.
މި ސީރީޒްގައި އެ އާއިލާގެ ފިލްމީ މަސައްކަތުގެ ވަރަށް ވާހަކަތަކާއި އެ މީހުންގެ އިންޓަވިއުތަކާއި އެ މީހުންނާ އެކީ މަސައްކަތްކުރި އެތައް ބައެއްގެ އިންޓަވިއުތައް ވެސް ގެނެސްދޭނެ އެވ. ރިތިކް ބައްޕަ ރާކޭޝް ރޯޝަނަކީ ކުރީގެ އެކްޓަރެއްގެ އިތުރުން ވަރަށް ކާމިޔާބު ޑައިރެކްޓަރެކެވެ.
ރާކޭޝްގެ ކޮއްކޮ ރާޖޭޝް ރޯޝަނަކީ މިހާތަނަށް އެތައް ފިލްމަކަށް މިއުޒިކް ތައްޔާރުކޮށް ދީފައިވާ އެހާމެ ކާމިޔާބު މިއުޒިކް ޑައިރެކްްޓަރެކެވެ.
ރާކޭޝް، 75، އާއި ރާޖޭޝް، 69، ގެ ބައްޕަ، ރޯޝަން ލާލް ނާގްރަތަކީ މިއުޒިކް ޑައިރެކްޓަރެކެވެ. އޭނަގެ ކެރިއަރުގައި އެތައް ފިލްމެއްގެ މިއުޒިކް ހަދާފައިވެ އެވެ. ރޯޝަން ވަނީ އުމުރުން 50 އަހަރުގައި 1967 ގައި މަރުވެފަ އެވެ.
ރޯޝަންގެ އާއިލާގެ ފިލްމީ ލެގަސީގައި މިހާރު އެންމެ އަރާހުރި މީހަކީ ރިތިކް، 50، އެވެ. އޭނަ އަކީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ތަރި އެވެ. ރިތިކްގެ އާއިލާ އިން މި އަހަރު ބަތަލާ އަކު ވެސް ބޮލީވުޑަށް ނުކުމެފައިވެ އެވެ. އެއީ ޖޫންގައި ރިލީޒްކުރި "އިޝްގް ވިޝްގް ރީބައުންޑް" އިން ތައާރަފުވި ޕަޝްމީނާ ރޯޝަން، 27، އެވެ. އޭނަ އަކީ ރާޖޭޝްގެ ދަރިއެކެވެ.
"ދަ ރޯޝަންސް" ގެ ޑައިރެކްޓަރަކީ ޝަޝީ ރަންޖަނެވެ.