Last Updated: July 26, 16:58
Sunday, July 26, 2026
ޚަބަރު

ޕީޕީއެމް އުވާލުމުގެ މަސައްކަތް އީސީން ފަށައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

ރާއްޖޭގައި ކުރިން އެންމެ ނުފޫޒު ގަދަ އެއް ޕާޓީގެ ގޮތުގައި ފާހަގަކޮށްލެވުނު ޕީޕީއެމް އުވާލަން އެ ޕާޓީން ސެނެޓުން މި މަހުގެ ދެވަނަ ދުވަހު ވަނީ ނިންމާފަ އެވެ. މިގޮތަށް ފާސްކުރީ ސެެނެޓް ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމާފައިވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން ޕީޕީއެމް އުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން، ޕީޕީއެމްގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުމާއި، ޕާޓީ އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުޢާމަލާތްތައް ފިޔަވައި އިތުރު އެއްވެސް މުޢާމަލާތެއް ކުރުމުގެ އިޚްތިޔާރު އެ ޕާޓީއަށް ލިބިގެން ނުވާ ކަމަށް އީސީން ބުނެ އެވެ. އަދި ޕާޓީއާ ގުޅިގެން ނިންމަންޖެހޭ އެއްވެސް ކަމެއްވާނަމަ، އުވާލުމުގެ މަރުޙަލާ ނިމުމުގެ ކުރިން އެ ޕާޓީއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް އީސީން ވަނީ އެދިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި ފާހަގަކޮށްލެވުނު ޕީޕީއެމުން މި ފަހުން 7،400 އަށް ވުރެ ގިނަ މެންބަރުން ވަކިވެފައިވެ އެވެ.

މިހާރު ޕީޕީއެމް އޮތީ ކުރިން އެ ޕާޓީގެ ހިޔަންޏެއްގެ ގޮތުގައި އޮތް ޕީއެންސީގެ ހިޔަންޏެއްގެ ގޮތުގަ އެވެ. އެގޮތުން ޕީއެންސީ ވެރިކަމަށް އައުމާ އެކީ ޕީއެމްއެމްގެ އަޑު އޮތީ އެއްކޮށް ކެނޑިފަ އެވެ.