Last Updated: July 26, 16:58
Sunday, July 26, 2026
ޚަބަރު

ފަޒުލް އިސްތިއުފާ ދޭން މީކާއިލް ގޮވާލައިފި

މެންބަރު މީކާއިލް އަހުމަދު ނަސީމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތި ދިން މައްސަލައާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދޭން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް ގޮވާލައިފި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ފުލުހުންގެ ޓީމެއް މިހާރު އެޗްޑީސީގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މީކާއިލް ވިދާޅުވީ މި ސަރުކާރު އައި ފަހުން ހަވާލުކުރެވުނު ގޯތިތައް ހަވާލުކުރެވުނީ ގޯތި ލިބުނު ލިސްޓުގައި ހިމެނޭ މީހުންނަށްތޯ ނުވަތަ ނޫންތޯ މިއަދު ޔަގީން ނުވާ ކަމަށެވެ.

"މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގު ފޭރެން މަސައްކަތްކުރި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު މިހިނދުން މިހިނދަށް އިސްތިއުފާދޭންޖެހޭ،" މީކާއިލް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ބޭރުން ގޯތިތަކެއް ދިންކަން ފެންމަތިވެފައިވަނީ އެ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި މިއަދު އާންމުވުމުންނެވެ.

އެ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ.

އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،380 ގޯތި ދޫކުރުމަށް އޮތީ ސޮއިކޮށްފަ އެވެ. މި ސްކީމްގެ ދަށުން ގޯތި ދެނީ ހުޅުމާލެ ފޭސް ދޭކާއި އަލަށް ހިއްކަމުން އަންނަ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެ ތަންތަނުން 9،000 ގޯތި ދޭނެ އެވެ.