Last Updated: July 26, 16:58
Sunday, July 26, 2026
ޚަބަރު

ރައީސް މުއިއްޒު ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން - ފޮޓޯ: ދިޔަރެސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އަޒާން މިހެން ވިދާޅުވެފައިމިވަނީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލު ރަޝީދަށް ގޯތި ދިން މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ފުލުހުންގެ ޓީމެއް މިހާރު އެޗްޑީސީގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތައް ގެޒެޓުގައި ފެންނަން އެބަހުރި ކަމަށާއި އެ ލިސްޓުގައި ނެތް ފަރާތަކަށް ގޯއްޗެއް ލިބުނު ކަމުގެ އެއްބަސްވުމެއް ލިބިފައިވާނަމަ، އެ ވާނީ ހަދާފައި އޮތް ލިޔުމަކަށް ކަމަށެވެ. އަދި އެފަދަ ލިޔުމެއް އަސްލެއް ކަމަށް ދައްކައިގެން ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަކީ ޖިނާއީ ކުށެއް ކަމަށް ވިދާޅުވި އެވެ.

"މިއަދު އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ފަޒީލު ވަނީ މިފަދަ ސައްހަ ނޫން ލިޔުމެއް އެޗްޑީސީއަށް ހުށަހަޅާފަ. ފަޒީލަކީ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތެއް ނޫން. ލިސްޓު ބަލާލީމަ އެކަން ސާފު،" އަޒާން ވިދާޅުވި އެވެ.

މިކަމުގައި އިތުރު ފަރާތްތަކެއްގެ ބައިވެރިވުން އޮތުންވެސް އެކަށީގެންވާ ކަމަށާއި އުންމީދަކީ ފުލުހުން މި މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގުކޮށް ނިންމުން ކަމަށް އަޒާން ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތު ނުދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ބޭރުން ގޯތިތަކެއް ދިންކަން ފެންމަތިވެފައިވަނީ އެ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި މިއަދު އާންމުވުމުންނެވެ.

އެ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ.

އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.