Last Updated: July 16, 17:14
Thursday, July 16, 2026
މުނިފޫހިފިލުވުން

އައި ފިލްމްސް އިިން "ލޯބިން" ހަދަނީ

މަގުބޫލު ފިލްމުތަކެއް ގެނެސްދީފައިވާ އައި ފިލްމްސް އިން މުޅިން އަލަށް ލޯބީގެ ފިލްމެއް ހަދަން އިއުލާންކޮށްފި އެވެ.

ސްޓޫޑިއޯ އަށް ހަ އަހަރު ފުރުމާ ދިމާކޮށް މިއަދު އިއުލާންކުރި ފިލްމަކީ "ލޯބިން" އެވެ. މިއީ އައި ފިލްމްސްގެ ވެރިޔާ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

"ލޯބިން" މިއަދު އިއުލާންކޮށް ފިލްމުގެ ސްޓިލް/މޯޝަން ޕޯސްޓަރު ދައްކައިލި ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ. އެހެންވެ މީގެ ކާސްޓުންނާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް ވެސް ހާމައެއް ނުކުރެ އެވެ.

އެކަމަކު ބެލެވޭ ގޮތުން "ލޯބިން" އަންނަ އަހަރު ސިނަމާ އަށް ގެންނާނެ އެވެ.

ބެލުންތެރިންގެ އިތުބާރު ފުރަތަމަ ފިލްމުން ވެސް ހޯދި އައި ފިލްމްސް ބެލުންތެރިންނަށް ތައާރަފުވެގެން ދިޔައީ 2019 ގައި އިއްލެ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން ކާމިޔާބު ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" އިންނެވެ. އޭގެ ފަހުން އެ ސްޓޫޑިއޯ އިން މިދިޔަ އަހަރު ކްރައިމް ތުރިލާ "ނީނާ" ގެނެސްދިނެވެ. މިއީ ވެސް އިއްލެ ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ.

އައި ފިލްމްސް އިން ދެން ގެނެސްދިން ފިލްމުތަކަކީ ކަޒްމިކް އިންޓަނޭޝަނަލްއާ ގުޅިގެން މިދިޔަ އަހަރު ގެނެސްދިން "ފްރީ ޑެލިވަރީ" އާއި މި އަހަރު ގެނެސްދިން "ކަންބަޅި" ގެ އިތުރުން މިދިޔަ މަހު އޮލިމްޕަހުގައި ޕްރީމިއާކުރި "ދޭދަރު ރުއިން" އެވެ.