ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން އުސޫލުން ބޭރުން ގޯތިތަކެއް ދޫކުރި މައްސަލަ ބަލައިދޭން ރައްޔިތުން މަޖިލީހަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ބެލުމަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ މިހާތަނަށް ހާމަވެފައިވާ ގޮތުގައި އުސޫލުން ބޭރުން 50 ގޯތި ދޫކޮށްފައިވާކަން އެނގޭ ކަމަށާއި އެ ގޯތިތަކުގެ ޖުމްލަ އަގު 400 މިލިއަނަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި އެޗްޑީސީން މިކަން ކުރާކަން ހައުސިން މިނިސްޓްރީއަށް އެނގޭތާ ވެސް ފަސް މަސް ދުވަސް ފާއިތުވެފައިވާ ކަމަށާއި ނަމަވެސް އެ ކަމުގައި މިނިސްޓްރީން ނުވަތަ ސަރުކާރުން ވެސް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށް ވިދާޅުވި އެވެ.
މިއީ ދައުލަތަށް އެއްވެސް މަންފާއެއް ނުވާ ގޮތަށް، ދައުލަތުގެ އަގުހުރި ބިންތަކެއް ވިއްކައިލައިފައިވާ މައްސަލައަކަށް ވާތީ، އެ ކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ކުޑޫ ވިދާޅުވި އެވެ.
އަދި އެކަން ހިނގި ގޮތް ބެލުމަށާއި، އެ ކަމުގައި ޝާމިލުވާ މީހުން ދެނެގަނެ، އެކަން އިތުރަށް ހިނގައިދިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާބެހޭ މުއައްސަސާތަކަށް އެންގުމަށް މަޖިލިސް މެދުވެރިކޮށް މައްސަލަ ބަލައިދިނުމަށް އޭނާ ވަނީ ހުށަހަޅުއްވައިފަ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ފުލުހުންގެ ޓީމެއް މިހާރު އެޗްޑީސީގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.