ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލެއިން ގޯތިތައް ހަވާލުކުރުމުގައި ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. "ބިންވެރިޔާ ސްކީމް"ގެ ބޭރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ، މުހައްމަދު ފަޒީލު ރަޝީދަށް ގޯތި ދިން މައްސަލައެއް މިއަދު ވަނީ ފެންމަތިވެފަ އެވެ.
މިކަމާ ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތައް ދޭނެ ފަރާތްތައް ކަނޑައަޅައި ހަވާލުކުރަނީ އެޗްޑީސީން ނޫން ކަމަށާއި، އެއީ ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އެޗްޑީސީން މި މަރުހަލާގައި ޝާމިލުވަނީ ގޯތީގައި ވަށާފާރު ރޭނުމަށް އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް، ގެދޮރުވެރިން ހުއްދައަަށް އެދޭ ހިސާބުން ކަމަށް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ފެންމަތިވެގެން އުޅޭ ގޯތިތަކުގެ މައްސަލަ ހައުސިން މިނިސްޓްރީ އަށް ހުށަހެޅީ ވެސް އެޗްޑީސީން ކަމަށާއި ހައުސިން މިނިސްޓްރީން ގޯތި ދޭން ނިންމާފައި ނުވާ ބަޔަކަށް އެޗްޑީސީން ގޯއްޗެއް ދޫކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"އެޗްޑީސީން ވަކި ބަޔަކަށް ޕްލޮޓްތަކެއްދީ، ވަކި ބަޔަކަށް މިވެނި ކަމެއްކޮށް އެހެނެއް ނުހަދާ. މި ޕްރޮސެސް އަޅުގަނޑުމެން މި ފޮލޯކުރަނީ،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވަނީ އޭނާގެ އަބުރުކަތިލަން އަދި ސިޔާސީ މަންފާއެއް ހޯދުމުގެ ގޮތުން ވެސް ދައްކާ ކޮންމެ ވާހަކައަކަށް ޖަވާބުދާރީވާން ތައްޔާރަށް ކަމަށާއި މިއަދު މަގާމުގައި ހުންނެވީ އެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ވިދާޅުވެފަ އެވެ. އަދި ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށްވެސް ވިދާޅުވި އެވެ.