Last Updated: July 19, 05:50
Saturday, July 19, 2025
ކުޅިވަރު

ރެއާލުން އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފި

މެކްސިކޯގެ ޕަޗޫކާ އަތުން 3-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފި އެވެ.

އިންޓަކޮންޓިނެންޓަލް ކަޕަކީ ފަސް ބައްރުގެ ކްލަބް ޗެމްޕިއަނުންގެ މެދުގައި ކުޅޭ މުބާރާތެކެވެ. މިއީ މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ރެއާލުން ލީޑު ނެގީ ކިލިއަން އެމްބާޕޭ ޖެހި ގޯލުންނެވެ. މިއީ ވިނީޝަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބާޕޭ ކާމިޔާބު ކުރި ގޯލެކެވެ.

ދެ ވަނަ ހާފު ފަށައިގެން، އަށް މިނިޓް ތެރޭ ރޮޑްރީގޯ ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި މެޗުގެ 84 ވަނަ މިނިޓްގައި ވިނީޝަސް ވަނީ ޕެނަލްޓީ އަކުން ރެއާލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ރެއާލްގެ ލޫކަސް ވަޒްކޭޒަށް ޕަޗޫކާގެ އޭރިއާތެެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ފީފާ އިން އިންޓަކޮންޓިނެންޓަލް ކަޕްގެ ނަމުގައި މުބާރާތެއް ބާއްވަން ފަށާފައިވާއިރު، މީގެކުރިން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ކްލަބް ވޯލްޑް ކަޕް އަންނަ އަހަރު 32 ޓީމާއެކު ފެށުމަށް ވަނީ ނިންމާފަ އެވެ.