އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލަށް އާސެނަލް އާއި ލިވަޕޫލް ދަތުރުކޮށްފި އެވެ.
އާސެނަލް ސެމީއަށް ދަތުރުކުރީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލެސް 3-2 އިން ބަލިކޮށްގެންނެވެ.
މި މެޗުގެ ހަތަރުވަނަ މިނެޓްގައި ޖިއަން ފިލީޕޭ މަޓޭޓާގެ ގޯލުން ޕެލެސް އިން ލީޑު ނެގިއިރު، މިއީ އާސެނަލްގެ ޑިފެންޑަރު ކިވިއޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ގޯލެކެވެ. އާސެނަލުން ނަތީޖާ އެއްވަރުކުރީ މެޗުގެ 54 ވަނަ މިނެޓްގައި ގެބްރިއަލް ޖީސެސްގެ ޖެހި ގޯލުންނެވެ.
މެޗުގެ 73 ވަނަ މިނެޓްގައި އާސެނަލްގެ ދެވަނަ ގޯލު ޖީސެސް ކާމިޔާބުކުރިއިރު، އޭގެ 8 މިނެޓް ފަހުން ޖީސެސް ވަނީ އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ޕެލެސްގެ ދެވަނަ ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އާސެނަލަށް ކުރިން ކުޅުނު އެޑީ އެންކެޓިއާ އެވެ.
ލިވަޕޫލުން މުބާރާތުގެ ސެމީއަށް ދިޔައީ ރަށުން ބޭރުގައި ސައުތެމްޓަންގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.
ގިނަ ބަދަލުތަކާއެކު މި މެޗަށް ނިކުތް ލިވަޕޫލުން ވަނީ ފުރަތަމަ ހާފްގައި ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. މި ދެ ގޯލު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ޑާވިން ނުނޭޒް އާއި ހާވީ އެލިއޮޓް އެވެ. ދެވަނަ ހާފުގައި ލީޑު ފުޅާކޮށްލަން އިތުރު ފުރުސަތުތަކެއް ލިވަޕޫލަށް ލިބުނުއިރު، ސައުތެމްޓަންގެ ހަމައެކަނި ގޯލު މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެމޮރަން އާޗާ އެވެ.
ލީގު ކަޕްގެ ކުއާޓާފައިނަލްގައި ރޭ ނިއުކާސަލް ޔުނައިޓެޑުން ވަނީ 3-1 އިން ބްރެންޓްފޯޑް ބަލިކޮށް ސެމީގެ ޖާގައެއް ހޯދާފަ އެވެ. ކުއާޓާގެ ފަހު މެޗުގައި ޓޮޓެންހަމުން މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ނިކުންނާނެ އެވެ.
ސެމީގައި ޓީމުތައް ބައްދަލުކުރާނެ ގޮތް އިނގޭނީ މިރޭ ނަގާ ގުރުއަތުލުމުންނެވެ.