Last Updated: July 16, 16:37
Thursday, July 16, 2026
މުނިފޫހިފިލުވުން

ސަނާ ޕްރޮޑިއުސްކޮށް ކުޅޭ ފިލްމެއް އަންނަ އަހަރު

ކުރިއަރަމުން އަންނަ އިންޑިއާގެ ބަތަލާ ޝެހެނާޒް ގިލް ސަނާ) ގެ އާ ފިލްމެއް ގެނެސްދޭ ތާރީހު އިއުލާންކޮށްފި އެވެ.

"އިކް ކުޅީ" ކިޔާ މި ފިލްމު ސިނަމާތަކަށް ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކުރީ އަންނަ އަހަރުގެ ޖޫން 13 ގަ އެވެ. މި ފިލްމަކީ 2021 ގައި ސަނާ ފެނިގެން ދިޔަ ޕަންޖާބީ ރޮމޭންޓިކް ކޮމެޑީ "ހޯންސްލާ ރަކް" ގެ ވެސް ޑައިރެކްޓަރު އަމަރްޖީތު ސިންގް ސަރޯން ހަދާ ފިލްމެކެވެ.

ސަނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ "އިކް ކުޅީ" ގެ ކާސްޓްގައި ނިރްމަލް ރިޝީ، ސުކީ ޗާހެލް، ހާބީ ސަންގާ، ގުރްޖާޒް، އުދޭ ބީރް ސަންދޫ އަދި ޖަސް ހިމެނެ އެވެ.

ކަލާސް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަނުން އާންމުންގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ހޯދި ސަނާގެ ފުރަަތަމަ ބޮލީވުޑް ފިލްމަކީ ސަލްމާން ޚާންގެ މިދިޔަ އަހަރުގެ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އޮކްޓޯބަރުގައި ރިލީޒްކުރި ރާޖްކުމާރު ރާއޯ އާއި ޓްރިޕްތީ ދިމްރީގެ ފިލްމު "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ގެ ލަވައަކުންނެވެ.

ސަނާގެ ފަރި ނެށުންތަކެއް ފެނިގެން ދިޔަ "ސަޖްނާ ވޭ" ލަވަ އަށް އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ވެސް ލިބުނެވެ.

ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ސަނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވަރޫން ޝަރުމާއާ އެކީ ފެންނާނެ ބޮލީވުޑް ފިލްމު "ސަބް ފަސްޓް ކްލާސް" ހިމެނެ އެވެ.