Last Updated: July 12, 05:49
Saturday, July 12, 2025
މުނިފޫހިފިލުވުން

އެމެރިކާ ނޭވީގެ އެންމެ މަތީ ޝަރަފު ކްރޫޒަށް

އެމެރިކާގެ ކަނޑުގެ ސިފައިންގެ އަަސްކަރިއްޔާގެ އެންމެ މަތީ ޝަރަފު، ހޮލީވުޑްގެ މަޝްހޫރު ފިލްމި ތަރި، ޓޮމް ކްރޫޒަށް އަރުވައިފި އެވެ.

އެމެރިކާ ނޭވީގެ "ޑިސްޓިންގްއިޝްޑް ޕަބްލިކް ސާވިސް އެވޯޑް" 62 އަހަރުގެ ބަތަލަށް އެރުވީ ފިލްމުތަކުގައި އަސްކަރީ ގޮތުން ކްރޫޒް ދައްކާފައިވާ ހުނަރުތައް ފާހަގަކޮށް، އެއީ އަސްކަރިއްޔާ އަށް އާ ހިޔާލުތަކާއި އާ ވިސްނުންތައް ގެނުވައިދޭ ވަރަށް ހުނަރުވެރި ކަންކަން ފާހަގަކޮށް، އެކްޓަރެއްގެ ގޮތުގައި ކްރޫޒްގެ ހިދުމަތް ފާހަގަކޮށެވެ.

އެމެރިކާގެ ނޭވީގެ އެންމެ މަތީ ޝަރަފު އޭނަ އަށް އެރުވީ މިދިޔަ އަންގާރަ ދުވަހު ލޯންގްކްރޮސް ފިލްމު ސްޓޫޑިއޯގައި ބޭއްވި ހަފުލާއެއްގަ އެވެ. އެގޮތުން މެޑެލާއި ސެޓްފިކެޓް ކްރޫޒްއާ ހަވާލުކޮށް ދެއްވީ ނޭވީގެ ސެކްރެޓަރީ ކާލޯސް ޑެލް ޓޯރޯ އެވެ.

އެ ހަފުލާގައި "ޓޮޕް ގަން" އާއި "މިޝަން އިމްޕޮސިބަލް" ފަދަ މަގުބޫލު ފްރެންޗައިޒްތަކުގެ ބަތަލު ބުނީ ފިލްމުތަކުގައި އޭނަ ދައްކުވައިދޭ ވަރުގަދަ އަސްކަރީ ހުނަރުތައް ފާހަގަކޮށް، މަތީ ޝަރަފު ލިބުމަކީ ވަރަށް ބޮޑު ފަހުރެއް އަދި ޝަރަފެއް ކަމަށެވެ.

ކްރޫޒް ބުނީ އަސްކަރީ ހިދުމަތުގައި އުޅޭ ދެ ޖިންސްގެ މީހުން ގައުމަށްޓަކައި ކުރާ މަސައްކަތަކީ އޭނަގެ ހިތުގެ އަޑިން ވަރަށް އިހުލާސްތެރިކަމާ އެކު ބަލައިގަންނަ އަދި ޝުކުރުވެރިވާ ގައުމީ ހިދުމަތެއް ކަމަށެވެ. އަދި އެ ދާއިރާގެ ހިދުމަތް ތެރިންނަކީ ނަމޫނާއަކަށް ބަލާ ކަމަށް ވެސް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކްރޫޒް ބުންޏެވެ.

އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ މެއި 23 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "މިޝަން އިމްޕޮސިބަލް" ގެ 8 ވަނަ ފިލްމު "ދަ ފައިނަލް ރެކޮނިން" އެވެ. ކްރޫޒްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މިޝަން އިމްޕޮސިބަލް: ޑެޑް ރެކޮނިން ޕާޓް ވަން" އެވެ.