Last Updated: May 11, 14:43
Sunday, May 11, 2025
ޚަބަރު

ފަޒުލްގެ ބޭބެ ފަޒީލް ވެސް ސަސްޕެންޑްކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) މެދުވެރިކޮށް "ބިންވެރިޔާ" ސްކީމުން ގަވާއިދާ ހިލާފަށް އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު ވެސް ހުންނެވި މަގާމުން ސަސްޕެންޑްކޮށްފި އެވެ.

އޭނަ ހުންނެވީ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. ފަޒީލް ސަސްޕެންޑުކުރީ، ކުރީ ގޯތި ލިބުމަށް ޝަރުތު ހަމަނުވި ނަމަވެސް އޭނަ އަށް ގޯތި ދީފައިވާ ކަމަށް ދައްކާ ލިޔެކިޔުންތަކެއް އާންމުވެ، ފަޒުލް ހިމެނޭ ގޮތަށް އެޗްޑީސީގެ ޗެއާމަން ނޫން ބޯޑްގެ ހުރިހާ ޑިރެކްޓަރުން ވެސް މިއަދު ޕީސީބީން ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފަޒީލް ސަސްޕެންޑުކުރީ އެޗްޑީސީއާ ގުޅޭ ގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ، އެހީތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ.

ބޭބެ އަށް ގޯތި ލިބުނު މައްސަލައިގައި ފަޒުލް ރޭ ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އޭނަގެ މަސްލަހަތު ހިމެނޭ އާއިލީ އެއްވެސް މީހަކަށް ގޯތި ދީފައި ނުވާ ކަމަށެވެ.