Last Updated: May 10, 09:12
Saturday, May 10, 2025
ޚަބަރު

މިފްކޯ އަށް ސިޔާސީ ނުފޫޒު ނުފޯރުވޭނެ: ސީއީއޯ

މިފްކޯ އަށް ސިޔާސީ ނުފޫޒު ފޯރުވަން ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ކަމެއް ކުރާ ބައެއްގެ ނަން ވެސް ހާމަކުރާނެ ކަމަށްކުންފުނޫގެ ފުރަތަމަ ބޭރުގެ ސީއީއޯ ޑރ. ވިޓާލީ ލްޔުބިމޯވް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސް ކުންފުނިން މިއަދު ނެރުނު ބަޔާނެއް ބުނީ ކުންފުނީގެ މުހިންމު މަގާމަކަށް ސީއީއޯ މިދިޔަ އާދިއްތަ ދުވަހު ހިއުމަން ރިސޯސަސް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް އަހުމަދު ނާސިރު އައްޔަންކޮށްފައިވާ އިރު އެކަން އެގޮތަށް ކުރީ އެ މަގާމަށް އެހެން މީހަކު އައްޔަން ކުރުމަށް ކުންފުނިން ބޭރުން ސިޔާސީ ޕްރެޝަރު އައި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އަދި އެކަމަކީ ސީއީއޯ މަގާމާ ހަވާލުވެވަޑައިގަތް ފަހުން، ކުންފުނީގެ ހިންގުމަށް ސިޔާސީ ނުފޫޒު ފޯރުވަން ބަޔަކު މަސައްކަތްކުރި ފުރަތަމަ ފަހަރު ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ލްޔުބިމޯވް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިފްކޯއަށް ސިޔާސީ ނުފޫޒު ފޯރުވަން ނުވަތަ އެ ކުންފުނީގެ މެނޭޖްމެންޓަށް އެއްވެސް ބާރެއް ފޯރުވަން މަސައްކަތް ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެފަދަ ނުފޫޒެއް ފޯރުވަން މަސައްކަތްކޮށްފި ނަމަ އެކަން ކުރާ ބަޔެއްގެ މައުލޫމާތު އާންމު ކުރާނެ ކަމަށެވެވެ.

ސީއީއޯ ވިދާޅުވީ އޭނަގެ ލީޑާޝިޕްގައި މިފްކޯއަށް އޮތް އިތުބާރު ބޮޑުކޮށް، ކުންފުނީގެ އަމާޒުތައް ހާސިލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.