Last Updated: July 16, 15:40
Thursday, July 16, 2026
މުނިފޫހިފިލުވުން

ކަރަން އަށް ކަބީރް ފިލްމެއް ޑައިރެކްޓްކޮށް ދެނީ

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ކަބީރް ޚާންގެ އާ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާ ގުޅިގެން ހަދަން ހަމަޖެހިފައިވާ ފިލްމެއް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް މި ޕްރޮޖެކްޓާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ކަބީރް އަދި މިހާތަނަށް ދަރުމާގެ އެއްވެސް ޕްރޮޖެކްޓެއްގައި ހިއްސާވެފައެއް ނުވެ އެވެ. އެހެންވެ އޭނަގެ އާ ފިލްމު ވާނީ ކަރަންއާ ގުޅިގެން ހަދާ ފުރަތަމަ ފިލްމަށެވެ.

ދަރުމާ އަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ އެއް ސްޓޫޑިއޯ އެވެ.

މީޑިއާތަކުން ބުނީ ދަރުމާ އަށް ކަބީރް ހަދާ ފިލްމުގެ މަސައްކަތް އަންނަ އަހަރި ފަށާނެ ކަމަށާއި ފިލްމުގެ ލީޑަށް ނަގާނީ ކަބީރާ އެކީ މިހާތަނަށް ތިން ފިލްމެއްގެ މަސައްކަތްކޮށްފައިވާ ސަލްމާން ޚާން ނުވަތަ ވިކީ ކޯޝަލް ކަމަށެވެ. އަދި މިހާތަނަށް ކަބީރާ އެކީ މަސައްކަތްކޮށްފައި ނުވާ ވިކީ އަކީ ކަބީރްގެ ފެވަރިޓް ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ އެވެ.

ސަލްމާނާ އެކީ ކަބީރް ގެނެސްދިން ފިލްމުތަކީ 2012 ގެ "އޭކް ތަ ޓައިގާ" އާއި 2015 ގެ "ބަޖްރަންގީ ބައިޖާން" ގެ އިތުރުން 2017 ގެ "ޓިއުބްލައިޓް" އެވެ. ކަބީރްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖޫންގައި ކާތިކް އާރިއާ އެކީ ގެނެސްދިން ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރި "ޗަންދޫ ޗެމްޕިއަން" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަބީރް މިހާރު އަންނަނީ އާ ފިލްމުގެ ސްކްރިޕްޓް ފައިނަލް ޑްރާފްޓްގެ މަސައްކަތް ކުރަމުންނެވެ.