Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ބީއެމްއެލް ސްޓާޓަޕް ގްރާންޓް ލިބޭ ދެ ވިޔަފާރި ހޮވައިފި

ބޭންކް އޮފް މޯލްޑިވްސްގެ ސްޓާޓަޕް ގްރާންޓް މި އަހަރު ލިބޭ ދެ ވިޔަފާރި ހޮވައިފި އެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ދެމުން އަންނަ ފަންޑެކެވެ. މި އަހަރު މި ގްރާންޓް ކާމިޔާބުކުރި ދެ ވިޔަފާރިވެރިންނަކީ:

1. ނިޔާފް މުހައްމަދު (ވިޔަފާރީގެ ނަން: ދަ އައިލެންޑް ފެކްޓްރީ)

ރާއްޖޭގައި ތައްޔާރުކުރާ މަހުގެ އުފެއްދުންތަކުގެ ސިނާއަތަށް، ފެންވަރު ރަނގަޅު، އިޖާދީ ލުއި ކާނާ އުފެއްދުމަށް ފެކްޓްރީއެއް ގާއިމްކުރުން

2. މުހައްމަދު ޝާމިން އަލީ (ވިޔަފާރީގެ ނަން: އާފްޓަރ ސްކޫލް)

އަމިއްލަ އަށް ފަރުމާކޮށްގެން ރާއްޖޭގައި ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، މެތަމެޓިކްސް) ކިޓު ދަރިވަރުންނަށް ފޯރުކޮށްދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން

ބީއެމްއެލް އިން ބުނީ ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށްވެސް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހު ކަމަށެވެ. ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތް ޝޯޓްލިސްޓް ކުރި ކަމަށާއި އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި އަހަރަކީ އުފެދެމުން އަންނަ ވިޔަފާރިތަކަށް ޖެހިޖެހިގެން ބޭންކުން ސްޓާޓަޕް ގްރާންޓް ފޯރުކޮށްދޭ ތިންވަނަ އަހަރެވެ.