Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

މި ސަރުކާރުގައި ވަގުންނަށް ޖާގައެއް ނޯންނާނެ

މެންބަރު އަހުމަދު އަޒާން މަރުޒޫޤު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި ސަރުކާރުގައި ވަގުންނަށް ޖާގައެއް ނޯންނާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އަޒާން މިހެން ވިދާޅުވީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން މައްސަލައެއް ފެންމަތިވެ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އިތުރުން ބޯޑު މެންބަރުން ސަސްޕެންޑްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ މިއީ ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ ވެރިންނަށް ވެސް ލިބޭ ރަނގަޅު މެސެޖެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ވައްކަމުގެ ތުހުމަތު ކުރެވުނީމާ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ. ރައީސް މުއިއްޒުގެ ސަރުކާރުގައި ވަގުންނަށް ޖާގައެއް ނޯންނާނެ،" އަޒާން ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ.

ބިންވެރިޔާ ސްކީމުގެ ބޭރުން ގޯތިތަކެއް ދިންކަން ފެންމަތިވެފައިވަނީ އެ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި މިއަދު އާންމުވުމުންނެވެ.

އެ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ.

އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.