ބިންވެރިޔާ ސްކީމުން ގޯތި ލިބުނުކަމަށް ސައްހަ ނޫން ލިޔެކިޔުން ހުށަހެޅި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކުރީ ސަރުކާރުގެ ވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އެ މައްސަލަ އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި ތަހުގީގާއި ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ތަހުގީގުގައި މިހާތަނަށް ހަ ފަރާތަކާއި ސުވާލުކޮށްފައިވާނެ ކަމަށާއި މިހާތަނަށް ތަހުގީގަށް ފާހަގަކޮށްފައިވާ ގޮތުގައި ސައްހަ ނޫން ލިޔުންތަކެއް ހުށަހަޅައިގެން ބިން ހޯދުމަށް މަސައްކަތްކޮށްފައި ވަނީ ތިން ބިމަކަށް ކަމަށެވެ.
އެ ބިންތަކަށް ހަ ފަރާތަކުން ލިޔުންތައް ހުށަހެޅިއިރު އެ ފަރާތްތަކަކީ ސްކީމުން ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމާފައިވާ ފަރާތްތައް ކަމަށާއި އޭގެ ތެރެއިން ބައެއް ފަރާތްތަކާ ސުވާލުކުރުމުން އެ ފަރާތްތަކުން ހުށަހެޅި ލިޔުންތައް ދީފައި ވަނީ ކުރީގެ ސަރުކާރުގައި ކަމަށް އެ މީހުން ތަހުގީގަށް ބަޔާން ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެ ލިޔުންތައް ދިނީ ޝަރުތު ހަމަނުވާ ކަމަށް ޝަކުވާ ހުށަހެޅުމުން އޭރުގެ ހައުސިން މިނިސްޓްރީގެ އިސް ފަރާތްތަކުން ބައްދަލުކޮށްފައި ކަމަށް ތަހުގީގަށް ބަޔާން ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
"އެއް ފަރާތަކާ ސުވާލުކުރުމުން ބުނެފައިވޭ، އެ ޝަކުވާކުރަން ރަސްމީކޮށް އެއިރުގަ މިދިޔަ ސަރުކާރުގަ އެދުނީމާ، އެތާނގެ އިސްވެރިންނާ ބައްދަލުކޮށްފަައި ހުންނާނެ ކަމަށް. އެ ބައްދަލުވުން ނިންމާފައި އެ ޝަކުވާ ބަލާނެކަމަށް ބުނެފައިވާކަމަށް މައުލޫމާތު ދީފައިވޭ. އަދި އޭގެ ފަހުން ގުޅައި އެފަރާތަށް ބިން ހަމަޖެހިފައިވާކަމަށް ހައުސިން މިނިސްޓްރީން ގުޅައިގެން ގޮސް އެ ލިޔުމުގައި ސޮއިކުރި ވާހަކަވެސް އެއް ފަރާތަކުން ބުނެފައިވޭ،" ފުލުހުން ބުންޏެވެ.
ގޯތި ލިސްޓުގެ ބޭރުން ގޯތިތަކެއް ދިންކަން ފެންމަތިވެފައިވަނީ އެ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.
އެ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ.
އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.