Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

އެޗްޑީސީގެ ތަހުގީގު ނުހިނގާނެ، ދައްކަނީ ދަޅައެއް

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ ނުހިނގާނެ ކަމަށާއި އެކަމުގައި ސަރުކާރުން ދައްކަނީ ދަޅައެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އެ މައްސަލަ އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އިތުރުން ބޯޑު މެންބަރުން އިއްޔެ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އެޗްޑީސީ އަށް ފުލުހުން ވައްދައިގެން އުޅެނީ ގޮތް ހުސްވެގެން ރައްޔިތުންނަށް ދަޅައެއް ދެއްކުމުގެ ބޭނުމުގައި ކަމަށާއި މިނިވަން އިންސާފުވެރި ތަހުގީގެއް ނުހިނގާނެ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަންކަން މިގޮތަށް ހިނގާކަން މާކުރިން ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅައި ހުންނެވީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިކަމުގައި ގޮތް ހުސްވެގެން އެތަނަށް (އެޗްޑީސީ) ފުލުހުން ފޮނުވީ. މި ހުރިހާ އެންމެން ސަސްޕެންޑްކޮށްގެން އުޅޭއިރު އަޅުގަނޑަށް ޔަގީން ކަށަވަރު، ފަޒުލްއަށް އެނގޭނެ ފަޒުލްއާ ދޭތެރޭ ފިޔަވަޅެއް ނާޅާނެކަން. އެޅޭކަށް ނޯންނާނެ، އެއީ އަޅުގަނޑުމެންނަށް އެނގޭ ކީއްވެގެންކަން ނޭޅޭނީ ވެސް. ފިޔަވަޅެއް ނޭޅޭނެ މުއިއްޒަކަށް، އެއީކީ ވާނެ ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރައީސް މުއިއްޒު މިހާރު ކުރައްވާ ކަމަކީ ރައްޔިތުން ކުރިމަތީގައި އެމަނިކުފާނުގެ ސާފުކަން ދެއްކެވުމަށް ކުރައްވާ މަސައްކަތެއް ކަމަށާއި އިހުލާސްތެރި ހިތަކާއިގެން މިކަން ކުރަން ބޭނުންވި ނަމަ، މިކަން ބަލާފައި އޮންނާނީ މިއަށް ވުރެ މާކުރިން ކަމަށެވެ. އޭސީސީގެ ބަދަލުގައި މި މައްސަލަ ބަލަންވީ މިނިވަން ކޮމިޝަނަކުން ކަމަށާއި ނަމަވެސް މިކަން ކުރައްވަން ރައީސް މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.