Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ކޮރަޕްޝަން ޓޮލެރޭޓެއް ނުކުރާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އެ މައްސަލަ އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އިތުރުން ބޯޑު މެންބަރުން އިއްޔެ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ލިޔުއްވި މެސެޖެއްގައި ވިދާޅުވީ، އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފަށް ނުވަތަ އުސޫލާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފި ނަމަ ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފަށް ނުވަތަ އުސޫލާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފި ނަމަ ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ނުވަތަ ހިންގަން ފުރުސަތު ދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދީފި ނަމަ ނުވަތަ މިފަދަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިއްޖެ ނަމަ އަޅުގަނޑު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގައި ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކޮރަޕްޝަން ޓޮލަރޭޓް ނުކުރައްވާނެ ކަމަށާއި ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ގޯތި ލިސްޓުގެ ބޭރުން ގޯތިތަކެއް ދިންކަން ފެންމަތިވެފައިވަނީ އެ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

އެ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ.

އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.