ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވައްކަމާ ދެކޮޅަށް ތަފާތު ދައްކަވަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އެ މައްސަލަ އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އިތުރުން ބޯޑު މެންބަރުން އިއްޔެ ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ވެރިކަމުގައި ހުންނަވަނިކޮށް ސަރުކާރު ތެރެއިން ހިނގާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލައި ވަގުތުން ވަގުތަށް ފިޔަވަޅު އެޅުއްވުމަކީ މީގެކުރިން އެއްވެސް ރައީސަކު ވެރިކަމުގައި ހުންނަވައިގެން ކުރައްވަން ކެރިވަޑައިގެންނެވި ކަންކަމެއް ނޫން ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސް މުއިއްޒު ގެންދަވަނީ ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް
ތަފާތު ދައްކަވަމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅާ އަމަލުފުޅު ދިމާކުރައްވާނެ ކަމަށާއި ދިވެހި ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވާކަށް އެއްވެސް ފަރާތަކަށް އެމަނިކުފާނު ކުޑަވެސް ޖާގައެއް ނުދެއްވާނެކަން އިއްޔެ ވެސް ސާބިތުކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ގޯތި ލިސްޓުގެ ބޭރުން ގޯތިތަކެއް ދިންކަން ފެންމަތިވެފައިވަނީ އެ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.
އެ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ.
އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.