މެންޗެސްޓާ ޔުނައިޓެޑް 3-4 އިން ބަލިކޮށް އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލަށް ޓޮޓެންހަމް ދަތުރުކޮށްފި އެވެ.
ސެމީގައި ޓޮޓެންހަމް ބައްދަލުކުރައްވާނީ ލިވަޕޫލްއާ އެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ އާސެނަލް އާއި ނިއުކާސަލް ޔުނައިޓެޑެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 15 ވަނަ މިނެޓްގައި ޑޮމިނިކް ސޮލާންކޭގެ ގޯލުން ޓޮޓެންހަމުން ވަނީ ލީޑު ނަގާފަ އެވެ. އަދި ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޑެޖާން ކުލުސެވްސްކީ ޓޮޓެންހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، މެޗުގެ 54 ވަނަ މިނެޓްގައި ސޮލާންކޭ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ބޮޑު ލީޑެއްގައި ޓޮޓެންހަމުން ކުޅެމުންދަނިކޮށް ޔުނައިޓެޑުން ވަނީ ކައިރިކައިރީގައި ދެ ގޯލު ކާމިޔާބުކޮށް އެޓީމުގެ ލީޑު ހަނިކޮށްފަ އެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލު ޖޯޝުއާ ޒާކްޒީ ކާމިޔާބުކޮށްދިން އިރު، އޭގެ 7 މިނެޓް ފަހުން ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަމަދް ޑިއާލޯ އެވެ. މި ދެ ގޯލަކީ ވެސް ޓޮޓެންހަމްގެ ކީޕަރު ފްރޭޒާ ފޯސްޓާ އަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ކާމިޔާބުކުރި ގޯލުތަކެކެވެ.
ޓޮޓެންހަމުން މެޗުގެ 88 ވަނަ މިނެޓްގައި ހަތަރުވަނަ ގޯލު ކާމިޔާބުކުރިއިރު، މިއީ އެޓީމަށް ލިބުނު ކޯނަރަކުން ހޮން މިން ސޮން ކާމިޔާބުކޮށްދިން ގޯލެކެވެ. ޔުނައިޓެޑްގެ ފަހު ގޯލަކީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ޑިފެންޑަރު ޖޮނީ އެވަންސް ކާމިޔާބުކޮށްދިން ގޯލެކެވެ.
ލީގު ކަޕްގެ ސެމީގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ 6 ވަނަ ދުވަހު އެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު އެވެ.