Last Updated: May 11, 14:51
Sunday, May 11, 2025
ޚަބަރު

ގޯލްޑް ކަޕް: އައްޑޫ ސެމީ އަށް

ރޭގެ މެޗްގައި އައްޑު އަށް ފުރަތަލަ ލަނޑު ޖެހި އިސްމާއީލް އީސަ. ފޮޓޯ. ވަގުތު

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި މާފުށި 3-0 އިން ބަލިކޮށް ގެ އައްޑޫން ސެމީގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގދަ މެޗުގައި އައްޑޫގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު އިސްމާއިލް އީސާ އެވެ. އޭނަ މެޗްގެ ލީޑް އައްޑު އަށް ނަގައި ދިނީ މެޗުގެ 71 ވަނަ މިނިޓްގައި އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން ވަައްދައިލި ކަނޑުންނެވެ.

އައްޑޫން ދެވަނަ ޖެހީ މެޗުގެ 75 ވަނަ މިނިޓްގަ އެވެ. އިބްރާހިމް ވަހީދު ހަސަން ނަގައިދިން ކޯނަރެއް ކީޕަރު އަތުގައި ޖެހިފައި، ގޯލު ދަނޑީގައި ޖެހިފައި ނިކުތުމުން، މުހައްމަދު ހާޒިމް ރިފްއަތު މަޑުމަޑުން ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. އައްޑޫގެ ތިންވަނަ ލަނޑު ކާމިޔާބު ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި އިތުރު ވަގުތުގައެވެ.

މިއީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ހުރަސްކޮށް ދިން ބޯޅައަކުން އިބްރާހިމް ވަހީދު ކާމިޔާބުކުރި ލަނޑެކެވެ..

މާފުއްޓަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ނާކާމިޔާބުވި ނަމަވެސް އެ ޓީމުން ގެންދިޔައީ އައްޑޫގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވަމުންނެވެ. ނަމަވެސް މެޗް ނިންމައިލަން ޖެހުނީ ސުމަކުންނެވެ.

ގަލޮޅު ދަނޑުގައި ކުރިއަށްދާ ގޯލްޑް ކަޕްގެ ދެން އޮންނާނީ ސެމީ ފައިނަލްގެ މެޗުތަކެވެ. ސެމީގެ ފުރަތަމަ މެޗުގައި ނިކުންނާނީ އޭދަފުއްޓާއި މާލެ އެވެ. އެއީ މާދަމާ ހަވީރު 3:50 ގަ އެވެ. އަދި މާދަމާއެރޭ 8:50 ގައި ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އައްޑު އާއި ރ. އަލިފުއްޓެވެ.

ޖުމްލަ 17 ޓީމް ވާދަކުރާ ގޯލްޑް ކަޕް ފެށީ މިދިޔަ މަހުގެ 20 ގަ އެވެ. މުބާރާތް ނިންމައިލާނީ މި މަހުގެ 25 ގަ އެވެެ.