ޓީވީ ސިލްސިލާތަކުންނ މަޝްހޫރުކަން ހޯދުމަށް ފަހު މިހާރު ބޮލީވުޑްގެ ފިލްމުތައް ކުޅެމުން އަންނަ ބަތަލާ މޯނީ ރޯއި "ސަލަކާރް" ކިޔާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
މީގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް އޭނަގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. ބެލެވޭ ގޮތުގައި "ސަލަކާރް" ގައި މޯނީ ކުޅެނީ ފުލުހެއްގެ ރޯލެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ވިދްޔަތު ޖަމްވަލްއާ އެކު 2020 ގެ "ޚުދާ ހާފިޒު" އާއި 2022 ގައި ގެނެސްދިން އޭގެ ސީކްއެލް "ޚުދާ ހާފިޒް: ޗެޕްޓާ 2-އަގްނީ ޕަރިކްޝާ" ގެ ޑައިރެކްޓަރު ފާރޫގް ކަބީރެވެ.
މޯނީގެ އެންމެ ފަހުން ފެނިފައި ވަނީ އޮގަސްޓް މަހު ރިލީޒްކުރި ޖޯން އަބްރަހަމްގެ "ވޭދާ" ގެ އައިޓަމް ލަވައަކުންނެވެ. އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ގޯލްޑް"، "މޭޑް އިން ޗައިނާ" އަދި "ބުރައްމަސްތުރާ: ޕާޓް 1" ހިމެނެ އެވެ.
މޯނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ވާޖިން ޓްރީ" ހިމެނެ އެވެ.