ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމާ މެދު އަލުން ވިސްނަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދޫކޮށްލަން މިދިޔަ އޮކްޓޫބަރު މަހު އިނގިރޭސީން ނިންމީ މިކަމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށްދާތާ ޒަމާންތަކެއް ފަހުންނެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އިނގިރޭސިވިލާތުން ޗާގޯސް ދޫކޮށްލަން ވާނީ، އެކަމުގެ ސަބަބުން ޗާގޯސްގެ ސިޔާދަތީ ބާރު ލިބޭ ފަރާތާއި ޗާގޯސް ރަށްތަކުގެ ކައިރީގައި ދެން ހުރި ގައުމުތަކާ މެދު އިތުރު މައްސަލަތަކެއް ނުޖެހޭނެ ފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން މިކަމުގައި އިނގިރޭސި ވިލާތުން އަލުން ވިސްނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ނިންމާފައިވާއިރު، އެ ނިންމުމަށް ރިއާޔަތްކޮށް ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއާ ޗާގޯސް ޖަޒީރާއާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން މިދިޔަ ވެރިކަމުގައި ބައި ކުރި އެވެ.
މި ސަރުކާރުން ވެރިކަމަށް އައީ އޭރު ބައިކުރި ކަނޑުގެ ބަޔަކީ ކުރީ ސަރުކާރުން ގެއްލުވާލި ބައެއް ކަމަށް ބުނެ އެތަން އަނބުރާ ހޯދާނެ ކަމުގެ ވައުދާއެކު އެވެ. އެ މަސައްކަތުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީފުޅެއް ވެސް ފޮނުއްވާފަ އެވެ.