މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޗައިނާ ޓޫރިސްޓުންގެ އަދަދު 250،000 އިން މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 17 ގެ ނިޔަލަށް ޗައިނާ އިން ވަނީ ރާއްޖެ އަށް 259،222 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ވެސް ޗައިނާ އެވެ. ދެވަނައިގައި ރަޝިއާ އޮތީ 214،271 ޓޫރިސްޓުންނާ އެކީގަ އެވެ. އިނގިރޭސިވިލާތް ތިން ވަނައިގައި އޮތީ 170،906 ޓޫރިސްޓުންނާ އެކީގަ އެވެ.
ރާއްޖެ އަށް މި މަހުގެ ފުރަތަމަ 17 ދުވަހު ވަނީ 103،560 ޓޫރިސްޓުން އަތުވެފަ އެވެ. މިއާއެކު އަހަަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 1،941،195 އަށް އަރާފަ އެވެ.
އެވަރެޖްކޮށް ރާއްޖޭގައި މިހާރު ފަތުރުވެރިން ހަފްތާއެއްގެ މުއްދަތަށް މަޑުކުރާއިރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރަނީ 5،515 ފަތުރުވެރިންނެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.