'ބިންވެރިޔާ' ސްކީމުގެ ގޯތި ލިސްޓުގައި ނެތް ނަމަވެސް ގޯތި ލިބުނު ކަމުގެ ރަޖިސްޓްރީ ލިބުނު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްއީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުއާ ދުވަހަކު ވެސް ބައްދަލުވެފައި ނުވާ ކަމަށާއި އުސޫލުން ބޭރުން އެއްވެސް ލިޔުމެއް ދޫކޮށްފައި ނުވާނެ ކަމަށް ކުރީ ސަރުކާރުގައި ގޯތި ކަންކަމުގައި އިސްކޮށް އުޅުނު ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އެ މައްސަލަ އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި ތަހުގީގާއި ގުޅޭގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ތަހުގީގުގައި މިހާތަނަށް ހަ ފަރާތަކާއި ސުވާލުކޮށްފައިވާނެ ކަމަށާއި މިހާތަނަށް ތަހުގީގަށް ފާހަގަކޮށްފައިވާ ގޮތުގައި ސައްހަ ނޫން ލިޔުންތަކެއް ހުށަހަޅައިގެން ބިން ހޯދުމަށް މަސައްކަތްކޮށްފައި ވަނީ ތިން ބިމަކަށް ކަމަށެވެ.
އެ ބިންތަކަށް ހަ ފަރާތަކުން ލިޔުންތައް ހުށަހެޅިއިރު އެ ފަރާތްތަކަކީ ސްކީމުން ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމާފައިވާ ފަރާތްތައް ކަމަށާއި އޭގެ ތެރެއިން ބައެއް ފަރާތްތަކާ ސުވާލުކުރުމުން އެ ފަރާތްތަކުން ހުށަހެޅި ލިޔުންތައް ދީފައި ވަނީ ކުރީގެ ސަރުކާރުގައި ކަމަށް އެ މީހުން ތަހުގީގަށް ބަޔާން ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެ ލިޔުންތައް ދިނީ ޝަރުތު ހަމަނުވާ ކަމަށް ޝަކުވާ ހުށަހެޅުމުން އޭރުގެ ހައުސިން މިނިސްޓްރީގެ އިސް ފަރާތްތަކުން ބައްދަލުކޮށްފައި ކަމަށް ތަހުގީގަށް ބަޔާން ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމަށް ތުހުމަތުވާ މޭރުމަކުން ފުލުހުން ވާހަކަދެއްކުމުން އޭނާ މިއަދު ވިދާޅުވީ އެގްރީމަންޓެއް ކަމަށް ދެއްކުމަށްޓަކައި ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓަކާ މެދު ސުވާލު އުފެދުމުން ވެސް، އެ ޑޮކިއުމަންޓްގެ ސައްހަކަން ކަށަވަރުކުރުމަށް ފޮރެންސިކް ތަހުލީލެއް ވެސް ނުހަދައި، ކުރީ ސަރުކާރުން ދޫކުރި ލިޔުމެއްގެ ގޮތުގައި އެވާހަކަ ދެއްކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގެ ގޮތުން ކަމަށެވެ.
"ފުލުހުން އެ ބުނާ ފަޒީލްއާ އަޅުގަނޑާ ދުވަހަކުވެސް ބައްދަލުވެފައި ނުވެއެވެ. އަދި، އެއްވެސް މުއާމަލާތެއް ވެސް އޭނާއާ ކޮށްފައި ނުވާނެއެވެ. އެއްވެސް ކަމެއްގައި ބައްދަލު ކުރަން އޭނާ އެދިފައެއްވެސް ނުވެއެވެ،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް ނުވަތަ ނުރަސްމީކޮށް އެއްވެސް ފަރާތަކަށް ކުރީގެ ހައުސިން މިނިސްޓްރީން ދޫކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ސަރުކާރުގައި އަދާކުރި މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.