Last Updated: July 16, 15:40
Thursday, July 16, 2026
މުނިފޫހިފިލުވުން

'ދޭ ދޭ ޕިޔާރު ދޭ 2' އަށް އާ ތާރީހެއް

އަންނަ އަހަރުގެ މެއި 1 އަށް ތާވަލުކުރި އަޖޭ ދޭވްގަންގެ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި އެވެ.

ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމު ލަވް ފިލްމްސް އިން ބުޝަން ކުމާރުގެ ޓީ ސީރީޒާ ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމު މިހާރު ބެލުންތެރިންނަށް ގެނެސްދޭން ނިންމި ތާރީހަކީ އަންނަ އަހަރުގެ ނޮވެމްބަރު 14 އެވެ. "ދޭ ދޭ ޕިޔާރު ދޭ 2" ގެ ތާރީހަށް ބަދަލު އައި ނަމަވެސް އަންނަ އަހަރުގެ މެއި 1 ގައި ވެސް ސިނަމާތަކަށް އަޖޭގެ ފިލްމެއް އަންނާނެ އެވެ. އެއީ އޭނަގެ 2018 ގެ ފިލްމު "ރެއިޑް" ގެ ދެވަނަ ބައި "ރެއިޑް 2" އެވެ.

"ދޭ ދޭ ޕިޔާރު ދޭ 2" އަކީ 2019 ގައި ގެނެސްދިން "ދޭ ދޭ ޕިޔާރު ދޭ" ގެ ދެވަނަ ބައެވެ. މިއީ ޒުވާން ދަރިންތަކެއް ތިބި ދުވަސްވީ 50 އަހަރުގެ ފިރިހެނަކު ޒުވާން އަންހެން ކުއްޖަކާ ހިތާވުމުން ދިމާވާ މަޖާ ހާދިސާތަކެއް ދައްކުވައި ދިން ފިލްމެކެވެ.

އާކިވް އަލީ ޑައިރެކްޓްކުރި ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ދެވަނަ ބައި ގެނެސްދޭ އިރު، ޑައިރެކްޓަރު މި ފަހަރު މި ވަނީ ބަދަލުވެފަ އެވެ. ކުރީގެ ފިލްމާ އެއްގޮތަށް ކާސްޓްގައި އަޖޭއާ އެކީ ޒުވާން ބަތަލާ ރަކުލް ޕްރީތު ސިންގްގެ އިތުރުން ތައްބޫ ވެސް ހިމެނޭ ފިލްމު ޑައިރެކްޓްކުރަނީ އަންޝުލް ޝަރުމާ އެވެ.

ދެވަނަ ބައިގެ ކާސްޓާ އަލަށް ގުޅުނު ތަރިންގެ ތެރޭގައި މި އަހަރުގެ މާޗްގައި ރިލީޒްކުރި އަޖޭގެ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" ގެ މުހިއްމު ރޯލެއް ކުޅުނު އާރް މާދްވަން ހިމެނެ އެވެ.

އަންނަ އަހަރު ރިލީޒްވާ އަޖޭގެ ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 17 ގައި ގެނެސްދޭ ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ އެކްޝަން އެޑްވެންޗާ "އާޒާދު" އެވެ. މި ފިލްމަކީ މަޝްހޫރު ބަތަލާ ރަވީނާގެ ދަރިފުޅު ރަޝާ ތަޑާނީ އާއި އަޖޭ އަށް ބޮޑުބޭބެ ކިޔާ އާމަން ދޭވްގަން ބޮލީވުޑަށް ތައާރަފުކުރާ ފިލްމެވެ.