ހައުސިން މިނިސްޓްރީގެ ކުރީގެ ބައެއް ވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރޭގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ހިމެނެ އެވެ. އަދި ހައުސިންގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމް އާއި އެ މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.
މި ބޭފުޅުންގެ ޕާސްޕޯޓު ހިފެހެއްޓީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގާއި ގުޅިގެންނެވެ.
ޕާސްޕޯޓު ހިފަހައްޓަން އަންގައިފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިންނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އެ މައްސަލަ އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އިތުރުން ބޯޑު މެންބަރުން އިއްޔެ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު މިވަގުތު ވަނީ ހިފަހައްޓާފަ އެވެ.
މި ތަހުގީގާއި ގުޅޭގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ތަހުގީގުގައި މިހާތަނަށް ހަ ފަރާތަކާއި ސުވާލުކޮށްފައިވާނެ ކަމަށާއި މިހާތަނަށް ތަހުގީގަށް ފާހަގަކޮށްފައިވާ ގޮތުގައި ސައްހަ ނޫން ލިޔުންތަކެއް ހުށަހަޅައިގެން ބިން ހޯދުމަށް މަސައްކަތްކޮށްފައި ވަނީ ތިން ބިމަކަށް ކަމަށެވެ.
އެ ބިންތަކަށް ހަ ފަރާތަކުން ލިޔުންތައް ހުށަހެޅިއިރު އެ ފަރާތްތަކަކީ ސްކީމުން ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމާފައިވާ ފަރާތްތައް ކަމަށާއި އޭގެ ތެރެއިން ބައެއް ފަރާތްތަކާ ސުވާލުކުރުމުން އެ ފަރާތްތަކުން ހުށަހެޅި ލިޔުންތައް ދީފައި ވަނީ ކުރީގެ ސަރުކާރުގައި ކަމަށް އެ މީހުން ތަހުގީގަށް ބަޔާން ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެ ލިޔުންތައް ދިނީ ޝަރުތު ހަމަނުވާ ކަމަށް ޝަކުވާ ހުށަހެޅުމުން އޭރުގެ ހައުސިން މިނިސްޓްރީގެ އިސް ފަރާތްތަކުން ބައްދަލުކޮށްފައި ކަމަށް ތަހުގީގަށް ބަޔާން ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.