ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ އާ ފިލްމު "ސޮރީ" ގެ ކާސްޓްގައި ބަތަލާ މަރިޔަމް އައްޒަ ހިމެނޭކަން މިއަދު ކަށަވަރުކޮށް ދީފި އެެވެ.
ފިލްމުގެ ޝޫޓިންގެ ތެރެއިން އައްޒަ ފެންނަ ފޮޓޯއެއް މިއަދު ފިލްމުގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށް ބުނެފައި ވަނީ މަސައްކަތް ފެށުނީ ކަމަށެވެ. "ސޮރީ" ގެ ކާސްޓްގައި އައްޒަ ހިމެނޭކަން ނަހުލާ މިއަދު ކަށަވަރުކޮށް ދިނުމުގެ ކުރިން ވެސް ކުރިން މި ފިލްމުގެ ވާހަކަ 2019 ގައި އެންމެ ފުރަތަމަ އޭނަ ހިއްސާކުރި އިރު،ވެސް ކާސްޓްގައި އައްޒަ ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.
އައްޒަގެ އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެމްބަރު އޮލިމްޕަހުގައި ދެއްކި "ރޮބޯ މޭން: ދަ މޫވީ" ގެ ރޯލަލުންކެވެ. މި އަހަރުގެ އޮގަސްޓްގައި މުޅިން ވެސް ހައުސްފުލް ޝޯތަކެއް އޮލިމްޕަހުގައި ދެއްކި "ކަމަނާ" އަ އަކީ އައްޒަ ޓައިޓްލް ރޯލު ކުޅުނު ފިލްމެކެވެ.
"ސޮރީ" ގެ ބަތަލަކީ ނަހުލާގެ ފިލްމުތަކެއް ކުރިން ވެސް ކުޅެފައިވާ އަދި "ކަމަނާ" ގައި ވެސް އައްޒައާ އެކު ބަތަލުގެ ރޯލު ކުޅުނު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.
އޭނަގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ނަހުލާގެ ދެ ފިލްމެއް ހިމެނެ އެވެ. އެއީ 2016 ގެ ބިރުވެރި ފިލްމު "4426" އާއި 2017 ލޯބީގެ ފިލްމު "ބޮސް" އެވެ.
އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ "ސޮރީ" ގެ ޝޫޓިން ރަސްމީކޮށް ފެށީ މި މަހުގެ 17 ގަ އެވެ. މި ފިލްމުގެ ކާސްޓްގައި ނަހުލާގެ އާއިލީ ދެ ކުއްޖަކު ވެސް މުހިއްމު ރޯލުތަކުން ފެންނާނެ އެވެ. އެއީ އޭނަގެ ހަގު ދަރިފުޅު ލާލި ސިނާން އާއި މާމަދަރިފުޅު އެވެލީ އެވެ.