ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިިނަލުން ޖާގައެއް ހޯދަން މިރޭ ނިކުންނައިރު ސަޕޯޓަރުންގެ އެހީ އިންތިހާ އަށް ބޭނުންވާ ކަމަށް އައްޑޫ ޓީމުން ބުނެފި އެވެ.
މުބާރާތުގެ ސެމީފައިނަލްގައި އައްޑޫ ޓީމުން މިރޭ ނިކުންނާނީ ރ. އަލިފުއްޓާ ދެކޮޅަށެވެ. އައްޑޫ ސެމީއަށް ދަތުރުކުރީ ކުއާޓާފައިނަލްގައި ކ. މާފުށި 3-0 އިން ބަލިކުރުމަށްފަހު އެވެ.
މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައި ވެސް އައްޑޫ ޓީމަށް ވަރުގަދަ ސަޕޯޓެއް ލިބިގެން ގޮސްފައިވާއިރު، އައްޑޫ ޓީމުން އެދެނީ މިރޭ އެ ސަޕޯޓު އިތުރު ގިޔަރަކަށް ޖައްސާލައި، ސަޕޯޓަރުންގެ އަޑުން ދަނޑު ގުގުމާލުމަށެވެ. އެގޮތުން މާލޭގައި ތިބި ވީހާވެސް ގިނަ އައްޑޫ ރައްޔިތުން މިރޭގެ މެޗު ބެލުމަށް ގަލޮޅު ދަނޑަށް އައުމަކީ ޓީމުގެ ވަރަށް ބޮޑު އެދުމެކެވެ.
މި މުބާރާތަށް އައްޑޫ އިން ނެރެފައިވަނީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު އަދި ޒުވާން ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. އޭގެތެރޭގައި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އާއި އަލީ ނާފިއު (ކަޅޭ) އާއި އިސްމާއީލް އީސާ (މެސީ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފާހަގަކޮށްލެވެ އެވެ.
މި ޓީމުގެ ކޯޗަކީ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.
ގޯލްޑް ކަޕްގެ ސެމީގައި އައްޑު އާއި އަލިފުށި ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.