Last Updated: July 16, 16:37
Thursday, July 16, 2026
މުނިފޫހިފިލުވުން

އާ 'ސުޕަމޭން' ގެ ޓްރެއިލާ އާންމުކޮށްފި

އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އާ "ސުޕަމޭން" ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ސުޕަހީރޯ ފިލްމު ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ ކުރިން ވެސް މި ޖޯންރާގެ ފިލްމުތަކެއް ގެނެސްދިން ޖޭމްސް ގަން އެވެ. ޑީސީ އާއި ވޯނާ ބްރޮސް އިން މި ޒަމާނާ ގުޅޭ ގޮތަށް ގެނެސްދޭ "ސުޕަމޭން" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި 11 ގަ އެވެ.

މި ފިލްމުގައި ޓައިޓްލް ރޯލުން ފެންނާނީ ޑޭވިޑް ކޮރެންސްވެޓެވެ.

"ސުޕަމޭން" ގެ އެންމެ ފަހުގެ ފިލްމަކީ 2013 ގައި ހެންރީ ކެވިލްއާ އެކު ގެނެސްދިން "މޭން އޮފް ސްޓީލް" އެވެ. އަދި އާ ފިލްމުގައި ވެސް ކުރިން ޓައިޓްލް ރޯލު ކުޅޭ ގޮތަށް އޮތީ އޭނަ އެވެ. ނަމަވެސް ކާސްޓަށް ބޮޑު ބަދަލެއް ގެންނަން ނިންމިކަން އިއުލާންކުރީ 2022 ގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

"ސުޕަމޭން" ގެ ބަތަލާ އަކީ ރެޗެލް ބްރޮސްނަހަން އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އީޒަބެލާ މާސީޑް، އެޑީ ގެތީގީ، ނަތަން ފިލަން، އެންތަނީ ކެރިގަން، ސާރާ ސަމްޕައިއޯ، މަރާޔާ ގެބްރިއެލާ، ސްކައިލާ ގިޒޮންޑޯ އަދި ނިކޮލަސް ހޯލްޓް ހިމެނެ އެވެ.

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޖޭމްސްގެ ގަން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" އެވެ.