ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ އަންހެނުން، ގޯރީ ޚާންގެ ޑިޒައިން ސްޓޫޑިއޯ އަށް އާމިރު ޚާން ޒިޔާރަތްކޮށްފި އެވެ.
މުމްބާއީގައި ހުންނަ ގޯރީގެ ގޯރީ ޚާން ޑިޒައިންސް (ޖީކޭޑީ) އަށް އާމިރު ކުރި ޒިޔާރަތުގައި، ގޯރީއާ އެކު ނަގާފައިވާ ފޮޓޯއެއް ބައެއް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ.
ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ގެނެސްދީފައެއް ނުވެ އެވެ.
ގޯރީ އަކީ އިންޑިއާގެ ނުފޫޒު ގަދަ އިންޓީރިއާ ޑިޒައިނަރެކެވެ. އޭނަގެ ޖީކޭޑީ އަކީ ގޭތެރޭގެ އިންޓީރިއާ އަށް ބޭނުންވާ ލަގްޒަރީ ފެންވަރުގެ ސާމާނާއި އިންޓީރިއާ ޑިޒައިނިންއާ ގުޅޭ ހުރިހާ ސޮލިއުޝަނެއް ފޯރުކޮށް ދޭނެ ތަނެކެވެ. ގޯރީ އަކީ ބޮލީވުޑްގެ ވަރަށް ގިނަ ތަރިންތަކެއްގެ ގެ އާއި އޮފީސް ވެސް ޑިޒައިންކޮށްފައިވާ މީހެކެވެ.
އޭނަގެ ސްޓޫޑިއޯ އަށް އާމިރު ޒިޔާރަތްކުރި އިރު، އޭނަ އަކީ ޝާހްރުކާ ވަރަށް ގާތް އެކުވެރި އެކްޓަރެކެވެ. ނަމަވެސް މިހާތަނަށް ދެ ތަރިން އެކީގައި ވެސް އެއްވެސް ފިލްމެއް ކުޅެފައި ނުވާތީ ޝާހްރުކާއި އާމިރުގެ ފޭނުން އަބަދު ވެސް އެފަދަ ޕްރޮޖެކްޓަކަށް ޑިމާންޑްކުރެ އެވެ.
އެގޮތުން ދެ ތަރިން ވެސް އެކީގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެކި ފަހަރު މަތިން ފާޅުކޮށްފައިވެ އެވެ.