Last Updated: May 13, 23:15
Tuesday, May 13, 2025
ދުނިޔެ

ލަންކާ ލޮނަށް ޖެހިދާނެކަމުގެ ބިރު ބޮޑުވެއްޖެ

އަންނަ އަހަރުގެ ތެރޭގައި ސްރީ ލަންކާ ލޮނަށް ޖެހިދާނެކަމުގެ ބިރު އޮތް ކަމަށް ސަރުކާރުން ބުނެފި އެވެ.

މިކަމާ ގުޅިގެން ސަރުކާރުން ބުނީ މި ވަގުތު ލޮނު އުފެއްދެނީ އާންމު ބޭނުންތަކާއި އިންޑަސްޓްރިއަލް ބޭނުންތަކަށްވާ މިންވަރަށް އެކަނި ކަމަށެވެ. ނަމަވެސް މޫސުމީ ގޮތުން ދިމާވަމުންދާ އެކިއެކި މައްސަލަތަކާ ހެދި އަންނަ އަހަރުގެ ތެރޭގައި ލަންކާ އަށް ލޮނު އުފެއްދޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ލޮނަށް ޖެހިދާނެކަމުގެ ބިރު އޮތް ކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިކަމާ ގުޅިގެން ލޮނު އުފައްދާ ފަރާތްތަކުން ވަނީ 30،000 މެޓްރިކް ޓަނުގެ ނަން-އައޮޑައިޒްޑް ލޮނު ގައުމުން ބޭރުން އެތެރެކުރުމުގެ ހުއްދައަކަށް އެދިފަ އެވެ. އެއީ ލޮނަށް ޖެހިދާނެ ކަމަށްޓަކައި ދުރާލައި ތައްޔާރުވުމުގެ ގޮތުން އެތެރެކުރާ ރޯ ލޮނު ޕްރޮސެސްކޮށް މާކެޓަށް ނެރުމަށްޓަކަ އެވެ.

ލޮނު އުފައްދާ ފަރާތްތަކުގެ މި އެދުމުގެ މަތިން ޓްރޭޑް މިނިސްޓްރީ އާއި އިންޑަސްޓްރިއަލް މިނިސްޓްރީން ކެބިނެޓަށް ހުށަހެޅި އެ ހުށަހެޅުން މިހާރު އޮތީ އެޕްރޫވް ވެސް ކޮށްފަ އެވެ. އެގޮތުން އަންނަ މަހުގެ 31 ގެ ކުރިން ސްޓޭޓް ޓްރޭޑިން ކޯޕަރޭޝަން މެދުވެރިކޮށް 30،000 މެޓްރިކް ޓަނުގެ ރޯ ލޮނު އެތެރެ ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.