މާލެ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ފެން ވަދެ، ގެތަކަށް ލިބުނު ގެއްލުންތައް މިހާރު ބަލަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފި އެވެ.
އެތަނުން ބުނީ އިމަޖެންސީ އެހީތެރި ކަމަށް އެދި ރިޕޯޓުކޮށްފައިވާ ގެތަކުގެ ހާލަތު ބަލައި ރެޕިޑް އެސެސްމެންޓް ހެދުމުގެ މަސައްކަތް މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
މާލެ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މިއަދު ވަރަށް ހެނދުނުން ފެށިގެން ގެތަކާއި ފިހާރަ ފަދަ ތަންތަން ފެނުން ރައްކާތެރި ކުރަން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސްކޮށް، ފަސް ސަރަހައްދެއްގައި ޕަމްޕް ޖަހައިގެން، ފެން ހިންދުމުގެ މަސައްކަތް ވެސް ފަށާފައިވެ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް މާލެ އަށް 136.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.