އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ގޯވިންދާގެ ފިރިހެން ދަރިފުޅު، ޔާޝްވަރުދާން އަހޫޖާ އަންނަ އަންނަ އަހަރު ބޮލީވުޑަށް ތައާރަފުވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ 27 އަހަރުގެ ޔާޝްގެ ފުރަތަމަ ފިލްމަކީ ލޯބީގެ ފިލްމެއް ކަމަށެވެ. ނަން އަދި ސާފު ނުވާ މި ފިލްމުގެ ޑައިރެކްޓަރަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ސައީ ރާޖޭޝް އެވެ. ފިލްމު ޕްރޮޑިއުސްކުރަނީ މަދޫ މަންޓޭނާ އާއި އައްލޫ އަރުވިންދު އައްލޫ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
އަންނަ އަހަރު މެއި/ޖޫން ހިސާބުގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމަށް ބަތަލާ އަކު ހޯދަމުން އަންނަ އިރު، އޮންލައިން އޮޑިޝަނަކަށް ހުޅުވައިލުމުން މިހާތަނަށް 14،000 އަށް ވުރެ ގިނަ އޮޑިޝަން ކްލިޕް ލިބިފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ޔާޝް ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ވަރަށް ގިނަ ދުވަސްތަކެއްވެފައިވާ އިރު، އޭނަގެ ބައްޕަ ގޯވިންދާ، 61، އަކީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރެކެވެ. ކޮމެޑީ ރޯލުތާއި ނެށުމަށް މޮޅު އެކްޓަރަށް މި ފަހުން އެއްވެސް ފިލްމަކުން ފުރުސަތެއް ނުލިބެ އެވެ.
އެކަމާ ގޯވިންދާ ހުންނަނީ ބޮލީވުޑްގެ ބައެއް މީހުން ދެކެ ހިތްހަމަވެސް ނުޖެހިފަ އެވެ.
އޭނަގެ އަންހެން ދަރިފުޅު ޓީނާ އަހޫޖާ، 35، ވެސް ފިލްމެއް ކުޅެފައިވެ އެވެ. އެކަމަކު ކުރިއަށް ދާން ރަނގަޅު ފުރުސަތުތަކެއް ނުލިބި، ޓީނާ އަކީ ބޮލީވުޑުން އެކަހެރިވެފައިވާ މީހެކެވެ. ޓީނާ ކުޅުނު ފިލްމަކީ 2015 ގެ "ސެކަންޑް ހޭންޑް ހަޒްބަންޑް" އެވެ.
ޔާޝް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑް ދަތުރު ފަށަން ތައްޔާރުވަމުން އަންނަ އިރު، އޭނަ ބައެއް ޕްރޮޖެކްޓްތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަލްމާން ޚާންގެ 2014 "ކިކް" އާއި ވަރޫން ދަވަންގެ 2016 "ޑިޝޫމް" ގެ އިތުރުން ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ނެރުނު 2021 ގެ ފިލްމު "ތަޅަޕް" ހިމެނެ އެވެ.