Last Updated: May 9, 16:04
Friday, May 9, 2025
ޚަބަރު

ގޯތި ވައްކަން މިހާރު އަޅުވަން އުޅެނީ ކުރީގެ ސަރުކާރާ

"ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން، ގަވާއިދާ ހިލާފަށް އެއްވެސް މީހަކަށް ދޫކޮށްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ ސިސްޓަމުގެ ތެރެއިން ގަވާއިދާ ހިލާފަށް، އުސޫލުން ބޭރުން އެއްވެސް މީހަކަށް ލިޔުމެއް ދޫ ވެސް ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ޔަގީންކޮށްދޭން ބޭނުން ވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކަށް ދޫކޮށްފައި ނޯންނާނެ،" ކުރީގެ ސަރުކާރުގައި ގޯއްޗާ ގުޅޭ ކަންކަމުގައި އިސްކޮށް އުޅޫއްވި އަކްރަމް ވިދާޅުވި އެވެ. "އެ ސިސްޓަމް ތެރެއިން ދުލެއް ވެސް ނުކުރެވޭނެ."

އޭނަ ވިދާޅުވީ "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯތިތަކެއް ވަގަށް ވިއްކި މައްސަލައިގައި ފުލުހުން ދައްކަމުންދާ ވާހަކަތަކާއި އެކަމާ ގުޅޭ ގޮތުން ހިންގާ ކަމަށް ތަހުގީގަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިހާރު ސަސްޕެންޑްކޮށް ހުންނެވި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ މައްސަލަ ފޮރުވަން ކުރާ ކަމެއް ކަމަށެވެ.

އަދި ފުލުހުން އެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ލިޔުމަކަށް ހަވާލާދީ، ގޯތި ވައްކަމަކީ ކުރީ ސަރުކާރުން ކުރި ކަމެއް ކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"ކުރީ ސަރުކާރުން ކުރި އެއްޗެކޭ ހަމަ މީހަކު ބުނާ އިރަކަށް އެ ވާހަކަ ދައްކާކަށް ނުޖެހޭ ތަހުގީގެއް ނުކުރައްވާ. އަނެއްކާ މިއީ އެކަމުގައި ތުހުމަތުވާ މީހާ އެ ގޯސް ރަޖިސްޓްރީއެއް ކަމަށް ޝައްކުވެ އެމީހާ މި ގެންނަނީ،" އޭނަ ވިދާޅުވި އެވެ. "ގެނައިމަ އެމީހާ ކުރީ ސަރުކާރޭ ބުނީމަ ހާމަ ކުރައްވަން ކޮންމެހެން އެގޮތަށެއް ފޮރެންސިކް ނުހައްދަވައެއް."

"ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ވަގު މުއާމަލާތްތަކެއްގެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައިގައި އަކުރަމްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.