ޑިސެމްބަރު 27، 2012 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސްގެ އަރިހަށް ފޮނުއްވި "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލް" ރައީސް ޑރ. މުހައްމަދު ވަޙީދު ތަޞްދީޤު ނުކުރައްވައި، އަލުން މަޖިލީހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
މި ބިލާ ގުޅޭ ގޮތުން ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަނީ ޖެނެރަލް (އޭޖީ) ގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭ ގޮތުން އޭޖީ ފާހަގަކު ރެއްވި މައްސަލަތަކަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވެ އެވެ.
އަދި އޭޖީ ފާހަގަ ކުރައްވާފައިވާ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، މި ބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ބިލުގެ 3 ވަނަ މާއްދާގެ (ބ) އާއި (ޅ)ގެ ދަށުން ކުޑަކުދިންނާއި އަންހެނުން ބަންދު ކުރުމަށް ޚާއްޞަ ކުރެވޭ މަރްކަޒުތަކެއް ޤާއިމުކުރުން ލާޒިމުކޮށްފައި އޮތުމާ އެކު، ބިލުގެ 4 ވަނަ މާއްދާގެ (ށ) ގައި، ކުޑަކުދިން ބަންދު ކުރުމަށް ޚާއްޞަ ކުރެވިފައިވާ މަރުކަޒު ގިންތި ކުރުމުގެ ވާހަކަ ބަޔާންކޮށްފައިވީ ނަމަވެސް، އަންހެނުން ބަންދު ކުރުމަށް ޚާއްޞަ ކުރެވިފައިވާ މަރްކަޒުގެ ވާހަކަ، 4 ވަނަ މާއްދާގައި ބަޔާންކޮށްފައި ނުވާކަން، ފާހަގަ ކުރައްވާފައި ވެ އެވެ.
ބިލުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކޮށް، އެމާއްދާގައި ބުނާފަދައިން، ޖަލު އިންސްޕެކްޓް ކުރުމަށް "މިނިވަން މުސްތަޤިއްލު ކޮމިޝަނެއް، ރައީސުލްޖުމްހޫރިއްޔާ އަށް ނުވަތަ މިނިސްޓަރަށް ކަނޑައެޅިދާނެ" ކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެކަން ބަޔާންކޮށްފައިވަނީ، އިޚްތިޔާރީ ކަމެއްގެ ގޮތުގައި ކަމަށްވީނަމަވެސް، އެ ކޮމިޝަނުން ކުރަން ޖެހޭ ކަންތައްތަކެއް ބިލުގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.
ބިލުގެ 16 ވަނަ މާއްދާގައި "މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް" ގެ ނަމުގައި މުއައްސަސާއެއް އުފައްދަން ވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު، އެ މުއައްސަސާ އުފައްދާނީ، ކޮން ފަރާތަކުންކަން ބިލުގައި ބަޔާންކޮށްފައިނު ވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
އަދި ޑީޕީއާރްއެސް އާއި އެތަނުގެ މުވައްޒަފުން، އަލަށް އުފައްދާ ސަވިސް އަށް ބަދަލުވެގެން ދާނެ ގޮތް ބަޔާން ކުރާ އިންތިޤާލީ އުޞޫލުތަކެއް، ބިލުގައި ހިމެނުން މުހިންމު ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަވިސްގެ އޮފިސަރުންނާއި މުވައްޒަފުން ކުރާ ޑިސިޕްނަރީ ކުށްތަކަށް އަދަބު ކަނޑައެޅުމަށް، ބިލުގައި ކަނޑައަޅާފައިވާ ނިޒާމަކީ، ދިވެހި ސިވިލް ސަވިސްގެ ޤާނޫނާ ތަޢާރުޒުވާ ނިޒާމެއްކަމާއި، ބިލުގައި ކަނޑައަޅާފައިވާ ފަދަ ނިޒާމަކީ، ދިވެހި ސިވިލް ސަވިސްގެ ޤާނޫނާ ތަޢާރުޒުވާ ނިޒާމެއް ކަމާއި، ބިލުގައި ކަނޑައަޅާފައިވާ ފަދަ ނިޒާމުތައް ޤާއިމްކޮށްފައި ވަނީ، ދިވެހި ސިވިލް ސަވިސްގައި ނުހިމެނޭ މުއައްސަސާތައްކަން ފާހަގަ ކުރެއްވޭ ކަމަށް ވެސް ރައީސް ފާހަގަ ކުރައްވާފައި ވެ އެވެ.
މީގެ އިތުރުން ވެސް މި ބިލާ ގުޅޭ ބައެއް މައްސަލަތައް ރައީސްގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެ އެވެ.