އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެސްޓަންވިލާ އަތުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިވެއްޖެ އެވެ.
މި މެޗުން ސިޓީ ބަލިވިއިރު، އެންމެފަހުން ކުޅުނު 12 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެ 12 މެޗުގެ ތެރެއިން 9 މެޗުން ސިޓީ ބަލިވެފައިވާއިރު، އެޓީމު ކޮޅަށް 27 ގޯލު ވަނީ ވަދެފަ އެވެ.
މި މޮޅާއެކު 17 މެޗުން 28 ޕޮއިންޓު ހޯދައިގެން ވިލާ ވަނީ ލީގުގެ ފަސްވަނަ މަގާމަށް ޖެހިލާފަ އެވެ. ސިޓީ އޮތީ 17 މެޗުން ލިބުނު 27 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވިލާ އިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 16 ވަނަ މިނެޓްގައި ޖޯން ޑުރާން ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ މޯގަން ރޮޖާސް ސިޓީގެ އޭރިއާ ތެރެއަށް ވަދެ ހުސްކޮށްލާފައި ދިން ޕާހަކުން ޑުރާން ކާމިޔާބު ކުރި ގޯލެކެވެ. އަދި މެޗުގެ 65 ވަނަ މިނެޓްގައި ވިލާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ސިޓީ އަށް ކުރިން ކުޅުނު ރޮޖާސް އެވެ. މިއީ ސިޓީގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
މި ގޯލަށް ފަހު ވިލާ އިން ދިޔައީ ސިޓީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މި މެޗުގައި ސިޓީން ޖެހި ހަމައެކަނި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ.
ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި އެވަޓަންއާ އެވެ. ވިލާ ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށެވެ.