Last Updated: July 18, 21:48
Friday, July 18, 2025
ޚަބަރު

ގޯލްޑް ކަޕް: ފެންވަރު ދައްކާލައި އައްޑޫ ފައިނަލަށް

ރ. އަލިފުށި 2-0 އިން ބަލިކޮށް ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިިނަލުން އައްޑޫ ސިޓީ ޖާގަ ހޯދައިފި އެވެ.

ގޯލްޑް ކަޕްގެ ފައިނަލްގައި އަންނަ އަންގާރަ ދުވަހު އައްޑޫ ނިކުންނާނީ ބ. އޭދަފުށްޓާއި ދެކޮޅަށެވެ. އޭދަފުށި ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު ސެމީފައިނަލްގައި މާލެގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް، މި ހާފުގައި ދެ ޓީމަށް ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން އައްޑޫ ޓީމުގެ އަލީ ނާފިއު ފޮނުވާލި ހަމަލާއެއް އަލިފުށި ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެ އެވެ.

މި މެޗުގައި އައްޑޫ ޓީމުން ޖެހި ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. މިއީ އިސްމާއީލް އީސާ (މެސީ) ކޯނަރަކުން އަލިފުށި އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ބޮންޑާ ކާމިޔާބުކުރި ގޯލެކެވެ.

މި ގޯލަށް ފަހު ވެސް އައްޑޫ ޓީމުން ދިޔައީ އަލިފުށީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެސީ ދިން ޕާހަކުން އައްޑޫ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. އިއްބެ މި ގޯލު ކާމިޔާބު ކުރީ އަލިފުށި އޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މި މެޗުގައި އަލިފުށިން ވެސް އައްޑޫ ޓީމުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރިއިރު، އެޓީމަށް އައްޑޫ ޓީމުގެ ޑިފެންސް ފޫއަޅުވާލުމުގައި ގިނަ އުނދަގޫތަކެއް ވަނީ ކުރިމަތިވެގެން ގޮސްފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އައްޑޫ ޓީމުގެ ކެޕްޓަން ބޮންޑާ އެވެ.