އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލެސްގެ މައްޗަށް 5-1 އިން އާސެނަލުން ކުރި ހޯދައިފި އެވެ.
މި މޮޅާއެކު 17 މެޗުން ލިބުނު 34 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގުގެ ތިންވަނައިގަ އެވެ. މިއީ ދެ މެޗަށް ފަހު އާސެނަލުން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. އެންމެފަހުން ލީގުގައި އާސެނަލުން ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.
ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ގެބްރިއަލް ޖީސުސް ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 11 ވަނަ މިނެޓްގައި އިސްމާއިލާ ސާ ޕެލެސް އަށް ނަތީޖާ އެއްވަރުކޮށްދިން އިރު، އޭގެ ތިން މިނެޓް ފަހުން ޖީސުސް ވަނީ އާސެނަލަށް އަލުން ލީޑު ނަގައިދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ކައި ހަވެޓްޒްގެ ގޯލުން އާސެނަލުން ވަނީ ލީޑު ފުޅާކޮށްދީފަ އެވެ.
އާސެނަލްގެ ހަތަރުވަނަ ގޯލު މެޗުގެ 60 ވަނަ މިނެޓްގައި ގެބްރިއަލް މާޓިނެއްލީ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ފަހު ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެކްލަން ރައިސް އެވެ.
އާސެނަލުން ބޮޑު މޮޅެއް ހޯދި މި މެޗުގައި އެޓީމަށް ކުރިމަތިވި ހަމައެކަނި ނުތަނަވަސްކަމަކީ ބުކާޔޯ ސަކާ އަށް އަނިޔާވުމެވެ. އަނިޔާގެ ސަބަބުން ސަކާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް އަދި އެނގިފައެއް ނުވެ އެވެ.
ލީގުގައި އާސެނަލުން ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި އިޕްސިވިޗް ޓައުންއާ އެވެ.