މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "އިޓް އެންޑްސް ވިތު އަސް" ގެ ޑައިރެކްޓަރު އަދި ބަތަލު ޖަސްޓިން ބަލްޑޯނީގެ މައްޗަށް ފިލްމުގެ ބަތަލާ ބްލޭކް ލައިވްލީ ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.
އެ މައްސަލަ އޭނަ ކެލިފޯނިއާގެ ސިވިލް ރައިޓްސް ޑިޕާޓްމަންޓަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހު އެވެ. ލައިވްލީ ހުށަހެޅި މައްސަަލައިގައި ބުނެފައި ވަނީ ފިލްމުގެ ޝޫޓިންގެ ތެރެއިން ބަލްޑޯނީ އާއި އޭނަގެ ޓީމު ފަރާތުން ވަރަށް ގިނަ ގޮތްގޮތުން ތުރާތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ހާއްސަަކޮށް ޖަސްޓިންގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހި، ފިލްމާ ގުޅުން ނެތް ގޮތަށް ގައިގޯޅިވުމާއި އޭނަގެ ބަރަހަނާ މަންޒަރު ބަލަން މަސައްކަތް ކުރުން ފަދަ އެތައް ކަމަކާ ކުރިމަތިލާން ޖެހުނު ކަމަށް ލައިވްލީ ބުނެފައިވެ އެވެ. އަދި ބަލްޑޯނީއާ އެކީ ޕޯނޯގްރަފީ އަށް އެޑިކްޓްވެފައިވާ ކަމަށް ވެސް ލައިވްލީ ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެެ.
އޭނަ ބުނީ މިފަދަ ކަންތައްތަކާ ހެދި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވި ފިލްމުގެ މަސައްކަތުގެ ތެރޭގައި ނަފުސާނީ ގޮތުން ވެސް އެތައް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. މީގެ އިތުރުން ބަލްޑޯނީ އާއި އޭނަގެ ވޭފޭރާ ސްޓޫޑިއޯސް އިން "ރެޕިއުޓޭޝަން" ގެއްލުވައިލަން ވެސް އެތައް ކަމެއްކޮށްފައިވާ ލައިވްލީ ތުހުމަތުކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ބަލްޑޯނީގެ ގާނޫނީ ވަކީލު ބްޔަރަން ފްރީޑްމަން ވިދާޅުވީ ލައިވްލީ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި މިއީ ބަލްޑޯނީގެ އަގު ވައްޓާލަން ގަސްތުގައިކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ވިދާޅުވި އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ލައިވްލީ އަކީ މަޝްހޫރު ބަތަލު ރަޔަން ރޭނޮލްޑްސްގެ އަންހެނުންނެވެ.
އޮގަސްޓް 9 ގައި ރިލީޒްކުރި "އިޓް އެންޑްސް ވިތު އަސް" އަކީ ލައިވްލީ އާއި ބަލްޑޯނީ ލީޑް ރޯލު ކުޅުނު ރޮމޭންޓިކް ޑްރާމާއެކެވެ. މި ފިލްމު ހަދާފައި ވަނީ ލިޔުންތެރިޔާ ކޮލީން ހޫވާގެ ހަމަ އެ ނަމުގައި 2016 ގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށެވެ.