އަންނަ އަހަރު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ބޮލީވުޑްގެ ކާމިޔާބު "ރޭސް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައިގެ ބަތަލާއިންނަކީ މިހާރު ކުރިއަރަމުން އަންނަ ޒުވާން ދެ ބަތަލާއިން ކަމަށްވާ ޝަރްވާރީ ވާގް އާއި ވަމީގާ ގައްބީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް މި ފިލްމު އުފައްދާ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓީމުން އަދި މިކަން ކަށަވަރުކޮށެއް ނުދެ އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި "ރޭސް 4" ގެ ބަތަލުންނަކީ ފުރަތަމަ ދެ ބައިގެ ލީޑް އެކްޓަރު ސައިފް އަލީ ޚާންގެ އިތުރުން ސިދާތު މަލްއުތުރާ އެވެ.
ފިލްމުގެ ކާސްޓާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް މިހާރު ދެކެވެމުން އަންނަ އިރު، މި ފިލްމު ޑައިރެކްޓްކުރާނެ މީހަކު ވެސް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށް ބެލެވޭ "ރޭސް 4" ޑައިރެކްޓްކުރާނީ ނިކިލް އަދުވާނީ އެވެ.
ދެހާސް ތިނެއްގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ކަލް ހޯ ނަ ހޯ" ގެ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ޖޯން އަބްރަހަމާއި ޝަރްވާރީއާ އެކު އޮގަސްޓްގައި ގެނެސްދިން "ވޭދާ" އެވެ.
"ރޭސް 4" ގެ ކާސްޓްގައި ޝަރުވާމީ ހިމެނޭ ކަމަށް ބުނާ އިރު، އޭނަގެ ފުރަތަމަ ފިލްމަކީ ވެސް ސައިފް މުހިއްމު ރޯލެއް ކުޅުނު ފިލްމެކެވެ. އެއީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2021 ގެ "ބަންޓީ އޯރް ބަބްލީ 2" އެވެ. މި އަހަރުގެ އެންމެ ބޮޑު ހިޓްތަކުގެ ތެރޭގައި ހިމެނޭ "މުންޖިއާ" ގެ ބަތަލާ މިހާރު އަންނަނީ އާލިއާ ބަޓާ އެކު ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ "އަލްފާ" ގެ މަސައްކަތް ކުރަމުންނެވެ.
ޕަންޖާބީ ފިލްމުތަކުން މަޝްހޫރުވީ ވަމީގާ އަކީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ވަރޫން ދަވަންގެ "ބޭބީ ޖޯން" ގެ އެއް ބަތަލާ އެވެ. އޭނަ މިހާރު އަންނަނީ ސިދާންތު ޗަތުރަވެދީ އާއި ޖަޔާ ބައްޗަނާ އެކީ ޑައިރެކްޓަރު ވިކާސް ބާލްގެ "ދިލް ކާ ދަރުވާޒާ ކޯލް ނާ ޑާލިން" ގެ މަސައްކަތް ކުރަމުންނެވެ.
"ރޭސް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު ރެމޯ ޑި ސޫޒާ ޑައިރެކްޓްކޮށް، ސަލްމާން ޚާނާ އެކީ ގެނެސްދިނީ 2018 ގަ އެވެ. އައްބާސް-މަސްތާން ޑައިރެކްޓްކުރި 2008 ގެ "ރޭސް" އާއި 2013 ގެ "ރޭސް 2" އާ ހިލާފަށް "ރޭސް 3" ބޮޑު ފްލޮޕެކެވެ.