ބޭރު ފައިސާގެ ތާށިކަމާއި ދަރަނިތައް ކުޑަކުރަން ސްރީ ލަންކާ އިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، ކްރެޑިޓް ރޭޓިން އެެޖެންސީ ޕިޗުން ލަންކާގެ ރޭޓިން މަތިކޮށްފި އެވެ.
އެގޮތުން "ސީސީސީ" އިން "ސީސީސީ ޕްލަސް" އަށް ރޭޓިން މަތިކޮށްފައިވާ އިރު، ފިޗުން ވަނީ ލަންކާގެ އިގުތިސާދީ އަދި މާލީ ހާލަތު ރަނގަޅު ކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، އުންމީދީ މަސައްކަތްތައްކެއް ކުރަމުން އަންނަކަން ފާހަގަކޮށްފަ އެވެ.
ފިޗުން ލަންކާގެ ރޭޓިން މަތިކުރުމާ ގުޅިގެން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް މިއީ ލަންކާ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްފައިވެ އެވެ. ދެހާސް ބާވީހުގެ ތެރޭގައި ލަންކާ އިގުތިސާދީ އަދި މާލީ ބޮޑު ތަދުމަޑުކަމެއްގެ ތެރެއަށް ވެއްޓި ގައުމު ބަނގުރޫޓް ވެސް ވި އެވެ.
ނަމަވެސް އޭގެ ފަހުން އަޅަމުން އައި ފިޔަވަަޅުތަކާއި އެކި ގައުމުތަކާއި މާލީ އިދާރާތަކުން ދެމުން އައި އެހީތަކާ އެކު ލަންކާގެ ހާލަތު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ.
ލަންކާގެ ދަރަނި 12.55 ބިލިއަން ޑޮލަރަށް އަރާ އިރު، ސަރުކާރުން ބުނެފައި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދަރަނި 9.5 ބިލިއަން ޑޮލަރަށް ދަށް ވެސް ކުރެވޭނެ ކަމަށެވެ. ގައުމުގެ ދަރަނި ހަމައަކަށް އެހީވުމުގެ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިދިޔަ މާޗް މަހު ލަންކާ އަށް 2.9 ބިލިއަން ޑޮލަރުގެ ގްރާންޓެއް ހަމަޖައްސައި ދީފައިވެ އެވެ.
ލަންކާ ސަރުކާރުން ބުނީ ގައުމުގެ އިގުތިސާދީ އަދި މާލީ ހާލަތާ ގުޅޭ ގޮތުން ބޭރުގެ މާލީ އިދާރާތަކުން ދޭ އިރުޝާދުތަކާއި ލަފާތަކުގެ ދަށުން އިސްލާހީ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.