Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ގޯހުން ކަމެއް ހިނގާނަމަ ރައީސް "ރިއެކްޓް" ކުރައްވާނެ

މެންބަރު އިބްރާހިމް ޝުޖާއު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގޯހުން ކަމެއް ހިނގާނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު "ރިއެކްޓް" ކުރައްވައި، އެކަން ބައްލަވާނެ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ރައީސް މުއިއްޒު މަގާމުން އިސްތިއުފާ ދެއްވަން އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ގޮވާލުމާ ގުޅިގެންނެވެ.

ވައްޑެ އަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ މިއީ ފަސް އަހަރަށް ރައްޔިތުން އިންތިހާބު ކުރި ވެރިކަމެއް ކަމަށާއި ގޯހުން ކަމެއް ހިނގާކަމުގެ ތުހުމަތު ކުރެވުމުން ރައީސް މުއިއްޒު ރިއެކްޓް ކުރައްވައި އެކަމެއް ބައްލަވަމުން ގެންދަވާ ކަމަށެވެ.

"ވައްޑެމެން ހާޑްވެގެން ނުކުތީ ވައްކަން ކުރާ ޕާޓީއަކުން. ވެރިމީހާ ރިއެކްޓް ނުކޮށްގެން. އެހެންވީމަ އަދި ތެޅިފޮޅޭކަށް ނުވޭނުން،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު މިހެން ވިދާޅުވި އިރު ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައާ ފުލުހުންނާއި އޭސީސީން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ. އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ގޯތި ލިސްޓުގެ ބޭރުން ގޯތިތަކެއް ދިންކަން ފެންމަތިވެފައިވަނީ އެ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

އެ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ ފަޒުލްގެ ބޭބެ ފަޒީލް އާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ.

އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.